ހަރަދުތަކެއް ކޮށް ވެލެންސިއާ އޭއެފްސީ ކަޕަށް ނުދިއުމުން ޔޫތު މިނިސްޓްރީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިނިސްޓްރީއިން ބުނީ އޭޕްރީލް 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ދަތުރުކުރުމަށްޓަކައި ޓީމުގެ ޓިކެޓާއި އެކޮމޮޑޭޝަން ފައިސާ ހަމަޖައްސައިދިނުމަށް އެދި އެ މިނިސްޓްރީއަށް ކްލަބް ވެލެންސިއާ އިން ހުށަހަޅާފައިވަނީ އޭޕްރީލް 4 ވަނަ ދުވަހު ކަމަށާއި އެ ފުރުސަތަކީ އޭއެފްސީ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ލިބިފައިވާ ފުރުސަތެއްކަމުން، އެ ކުލަބުން އެދިފައިވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފައިވާ ކަމަށެވެ.

އެގޮތުން، ޖުމްލަ 27 ކުޅުންތެރިންނާއި އޮފިޝަލުންގެ ޓިކެޓަށް 28809 އެމެރިކާ ޑޮލަރު، އަދި އެކޮމޮޑޭޝަންއަށް 4731.36 އެމެރިކާ ޑޮލަރު، ޖުމްލަ 33,540.36 އެމެރިކާ ޑޮލަރު ހަރަދުވާތީ އެ ފައިސާ އޭޕްރީލް 7 ވަނަ ދުވަހު ކްލަބު ވެލެންސިއާއަށް ޖަމާކޮށްދިނުމަށް ބެލިއިރު ކުލަބުގެ އެކައުންޓެއް ނެތުމުން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރަން މަސައްކަތް ކުރި ކަމަށް މިނިސްޓްރީއިން ބުނެއެވެ. އެހެންނަމަވެސް އޭޕްރީލް 8 އަދި 9 ވަނަ ދުވަހަކީ ހަފްތާ ބަންދަށް ވުމާއެކު ވެލެންސިއާއިން 9 ވަނަ ދުވަހުގެ ރޭ އަލުން އެ ޓިކެޓް މިނިސްޓްރީން ނަގައިދިނުމަށް އެދުމުން ހަމަ އެރޭ ވަގުތުން ޓިކެޓް ނަގައިދީފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނީ އެކޮމޮޑޭޝަން ފައިސާ ހަމަޖައްސައި ދޭން މިނިސްޓްރީއިން ނިންމާފައިވީ ނަމަވެސް ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ވަގުތުން ވަގުތަށް ފައިސާ ނަގައި ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އާންމު އުސޫލެއްގެ ގޮތުން ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ފައިސާ ޖަމާވަމުންދަނީ ޕޯސްޓް ކުރާތާ 14 ދުވަސް ފަހުން ކަމަށް ވުމާއިއެކު، މިގޮތަށް މުބާރާތްތަކަށް ހިނގާ ހަރަދުތަކަށް ރިއިމްބާސް ކުރާ ގޮތަށް ޒިންމާވަމުންދަނީ ކުލަބުތަކުން ކަމަށެވެ.

"މަސްތަކެއް ކުރިން މެޗް ޝެޑިއުލް ލިބިފައިވީ ނަމަވެސް ފުރަން 24 ގަޑިއިރަށްވާއިރުވެސް ބިދޭސީ ކުޅުންތެރިންގެ ވިސާގެ ކަންކަން ހަމަޖައްސާފައި ނުވާ ކަމީ ނުހަނު ހިތާމަކުރަން. ކުލަބުތަކަކީ ގާނޫނުން ބާރު ލިބިދޭ އަމިއްލަ މިނިވަން ޝަޚްސުތަކެއް ކަމުން، އެ ކުލަބަކުން ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ހަމަޖެއްސުމަކީ، އެ ކުލަބެއްގެ ޒިންމާއެކެވެ. ކްލަބްތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަކީ މި މިނިސްޓްރީގެ މޭންޑޭޓެއް އަދި މަސައްކަތެއްވެސް ނޫން"
ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީއިން ބުނީ ޓިކެޓް ނަގާ، ދަތުރުކޮށްފައި ނުވާތީ އެކަމާ މިނިސްޓްރީން ނުހަނު ކަންބޮޑުވާ ކަމަށާއި ނޮންރިފަންޑަބަލް ޓިކެޓެއްކަމުން ފަސްޓް ޑިވިޝަން ކުލަބްތަކަށް ދޫކުރަމުން އަންނަ ފައިސާގެ ތެރެއިން ކުލަބް ވެލެންސިއާއަށް ދޫކުރާ ފައިސާ، ކުރިއަށް އޮތް ތަނުގައި ދޫކުރާނީ ޓިކެޓަށް ހަރަދު ކުރެވިފައިވާ އަދަދު އުނިކުރުމަށްފަހު ކަމަށެވެ.