ޔޫކްރައިންއަށް އަރާ ވަރުގަދަ ހަނގުރާމައެއް ފަށާފައިވާ ރަޝިއާއަށް ނިސްބަތްވާ ފަތުރުވެރިން ރިސޯޓްތަކަށް އުފުލުމަށް ވަކި އެއާލައިނެއް އުފެއްދުމަށް ތުރުކީވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ރާވަމުން ދާ ކަމަށް، ތުރުކީވިލާތުގެ މީޑިއާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ރަޝިއާގެ އިންޓަފެކްސް ނިއުސް އޭޖެންސީއާ ހަވާލާދީ ތުރުކީވިލާތުގެ ދުވަހު ނޫހެއްގައި ވާ ރިޕޯޓަކަށް ރިއާޔަތް ކޮށް ބީބީސީއިން ހަބަރު ދޭ ގޮތުގައި، ރަޝިއާއާއި ޔޫކްރައިންގެ ހަނގުރާމަ ގަދަވަމުން ދާ ދިއުމުގެ ސަބަބުން، ތުރުކީވިލާތަށް އިންތިހާއަށް މުހިންމު ފަތުރުވެރި ކަމުގެ ސިނާއަތަށް ބޮޑެތި މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރަޝިއާގެ ފަތުރުވެރިން އުފުލަން އުފައްދާ އެއާލައިން މަރުކަޒު ކުރާނީ، ތުރުކީވިލާތުގެ މެޑިޓަރޭނިއަން އައްސޭރީގައި އޮންނަ އަންތާލިޔާގައެވެ.

އާ އެއާލައިންގެ ސަބަބުން ރަޝިއާގެ އިތުރު މިލިއަނެއްހާ ފަތުރުވެރިން ތުރުކީވިލާތަށް ދަތުރު ކުރުމުގެ ޝައުގު އުފެއްދޭނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ޓާކިޝް އެއާލައިންސްގެ ފްލައިޓުތަކުގައި ރަޝިއާގެ ޓުއާ އޮޕަރޭޓަރުންނަށް ސީޓުތަކެއް ރިޒާވް ކުރުމަށް އެ އެއާލައިނުން އެއްބަސްވުމަަކަށް އައިސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާއިން އިސްވެ ފެށި ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ރަޝިއާ އެކަހެރި ކުރުމަށް ތަންފީޒު ކުރަމުން ދާ ދަތިކުރުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ފޯރަމުން ދަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައި ވާ ގައުމުތަކަށެވެ. ރަޝިއާގެ ފަތުރުވެރިންނަކީ ދުނިޔޭގެ އެކި މަންޒިލްތަކުގެ 1 ނަމްބަރު މާކެޓް ކަމުގައި ވީ ނަމަވެސް، ހަނގުރާމައިގެ ސަބަބުން ވައިގެ އުދުހުންތަކުގެ އާންމު އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެ، ފަތުރުވެރި މަންޒިލްތަކަށް ރަޝިއާ މާކެޓް ހީނަރު ވުމުގެ ތަކުލީފާ ވަނީ ކުރިމަތިލާން ޖެހިފައެވެ.