ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް މާދަމާ ހެނދުނު 10:30 ތާވަލު ކޮށްފިއެވެ.

އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދެ ދައުވާއެވެ. ޔާމީންގެ މައްޗަށް ދައުލަތުން މި ދެ ދައުވާ އުފުލާފައި ވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެންގެވި ކަމަށާއި، އެ ފައިސާ ލޯންޑާ ކުރައްވާފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުން ދިފާއީ ހެކިން ހުށަހަޅާފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ، ޝަފަހީ ހަތް ހެކިންނާއި ކިތާބީ 11 ހެއްކެވެ.

އާރަށު މައްސަލައިގައި ޔާމީންގެ އިތުރުން ދެން ދައުވާ އުފުލާފައިވާ ޔޫސުފް ނައީމް ވަނީ ދިފާއީ ހެކިންގެ ގޮތުގައި 13 ހެއްކެއް ހުށަހަޅާފައެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމައްސަލައިގައި ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ. އަދި އެއަށް ފަހު މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ ވެސް ނިންމާނެއެވެ.

ފުއްގިރި އާއި އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ހުކުމް އިއްވުން ޖޫން މަހުގެ 30 އަށް ވަނީ އަވަސް ކޮށްފައެވެ.