އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ "ލޯތްބާއެކު 2022" މެދުވެރިކޮށް ދިވެހިންގެ އެހީތެރިކަން މި ރޯދަމަހު 20 ސަރަހައްދަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ.

އެ ކެމްޕެއިންގެ ދަށުން މިހާރު ވަރަށް ދަތިހާލުގައި އުޅެމުންދާ އަވަށްޓެރި ސްރީ ލަންކާގެ މީހުންނަށް އެހީވާން މިއަދު ފަށާނެ ކަމަށް އައިއޭސީއިން ބުނެއެވެ. އައިއޭސީއިން ބުނީ މިއަހަރުގެ އެ ކެމްޕެއިނުގެ ދަށުން 20 ސަރަހައްދަކަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ ކޮސޯވާ، ސީރިޔާ، ފަލަސްތީން، ޔަމަން، ލުބްނާން، ޖޯޑަން، ތުރުކީ، ނޭޕާލް، މިޔަންމާ، ބަންގްލަދޭޝް، ސޯމާލިއާ، ޗަޑް، ގާނާ، މާލީ، ނައިޖާ، އިންޑޮނޭޝިއާ، ސްރީލަންކާ، އަފްގާނިސްތާން، ސިއަރާ ލިއޯން އަދި ބޮސްނިއާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިއޭސީގެ ޑިރްކްޓާ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން އަޒްހަދު އަހުމަދު ވިދާޅުވީ ރޯދަމަސް އައުމުގެ 15 ދުވަސްކުރިން އެ ކެމްޕެއިން ފަށާފައިވާނެ ކަމަށާއި ރޯދަ މަހުގެ ނިޔަލަށް އެ ކެމްޕެއިނަށް ފަންޑު ނެގުން ކުރިއަށްދާނެ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް ފުޑް ޕެކޭޖް ތަކާއި އިފްތާރު ޕެކޭޖްތައް ބެހުން ކުރިއަށްދާނެ ކަމަށާއި އޭގެ އިތުރުން އެހެން ޒަރޫރީކަން ކަމަށް އެދޭ ސަހަރައްދުތަކުގައި އެތަކެތި ބެހުން ކުރިއަށްގެންދާނެ ކަމަށްވެސް އަޒްހަދު ވިދާޅުވިއެވެ.

އައިއޭސީއިން ލަންކާއަށް ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދެނީ/ ފޮޓޯ: އައިއޭސީ

އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ލަންކާގައި ކަރަންޓާއި ތެލާއި ކާބޯތަކެތި ފަދަ ޒަރޫރީ ހިދުމަތްތަކާއި ތަކެތި ލިބުން ވަނީ ދަތިވެފައެވެ. އަދި ރޯދަ މަސް ކުރިމަތިވުމާ އެކު، ކާބޯތަކެތި ހޯދުން ވެސް ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

އަޒުހަދު ވިދާޅުވީ މިހާރު ކޮސޯވާގައި އެހީގެ ތަކެތި ބަހައިފާވާނެ ކަމަށާއި މިއަދު ލަންކާގައި އެހީގެ ތަކެތި ބެހުން ކުރިއަށްގެންދާނެ ކަމަށެވެ. މީގެ އިތުރުން ދިވެހިންގެ އެހީގެ ތަކެތި ބެހުން ސީރިއާ އާއި ފަލަސްތީނުގެ ގައްޒާގައި ގާއްޒާގައި ކުރިއަށްދާ ކަމަށް އަޒްހަދު ވިދާޅުވިއެވެ.

އައިއޭސީން ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ބެހުމަށް ނިންމައިފާވާ ބައެއް ތަކެތީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި މަސް ދަޅާއި ކައްކާ ތެޔޮ ގޮވާމުގެ ބާވަތްތައް އަދި ކަދުރު ހިމެނެއެވެ.

ފުރަތަމަ ބުރުގައި އެހީ ބަހަން ހަމަޖެހިފާ ވަނީ ލަންކާގެ "ކިންނިޔާ" ގައެވެ. އަދި އެ އެހީތެރިކަން އެހެން ސަރަހައްދުތަކަށް ވެސް ފުޅާކުރާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އައިއޭސީއިން ލަންކާއަށް ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދެނީ/ ފޮޓޯ: އައިއޭސީ

އެގޮތުން ފުޑް ޕެކޭޖެއްގެ އަގަކީ 1500 ރުފިޔާއެވެ. އެއީ އާއިލާއަކަށް އެއްމަސްދުވަހުގެ ކާބޯތަކެއްޗެވެ. އަދި ހޮޓްމީލްސްގެ އަގަކީ 70 ރުފިޔާއެވެ. އެއީ 5 މީހުންގެ އާއިލާއަކަށް ފުދޭވަރަށެވެ. ފުޑްޕެކޭޖް ތަކަށް ވަކި މިންވަރެއް ކަނޑައެޅިފައިވީ ނަމަވެސް ހަދިޔާ ކުރައްވާ ފަރާތްތަކުން ބޭނުން މިންވަރަކަށް ހަދިޔާ ކުރެއްވޭނެ ކަމަށް އައިއޭސީއިން ބުނެއެވެ.

އަޒްހަދު ވިދާޅުވީ 2020 ވަނަ އަހަރު ދިވެހި ރާއްޖެ ބޮޑު ލޮކްޑައުންއެއްގައި އޮތްއިރުވެސް އެ ކެމްޕެއިންނަށް 5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި 2021 ވަނަ އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން ގާއްޒާއަށް ލިބުނު ނިކަމެތިކަމުގެ ސަބަބުން އެ ޖަމުއްޔާއިން ހުޅުވާލި އެމަޖެންސީ ފަންޑާއެކު އެ ކެމްފެއިނަށް 20 މިލިއަނަށްވުރެ ގިނައިން އެހީތެެރިކަން ލިބިފައިވާ ކަމަށް އަޒްހަދު ވިދާޅުވިއެެވެ.

އެ ޖަމުއްޔާގެ ހުރިހާ އެހީތެރިކަމަކީވެސް ދިވެހިންގެ އެހީތެރިކަން ކަމުގައި ފާހަގަކުރައްވާ އަޒްހަދު ވަނީ ދިވެހިންނަކީ އަބަދުވެސް ވަރަށް ދީލަތި ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"ދިވެހިންނަކީ އަބަދުވެސް ވަރަށް ދީލަތި ބައެއް ކަމަށް އަޅުގަނޑުމެން އަބަދުވެސް ބުނަމުން އަންނަނީ. ފުލް ލޮކްޑައުންއެއްގައި އޮވެ ހަމައެކަނި ސޯސަލް މީޑިއާގައި ކެމްޕެއިން ކުރިއަށް ގެންގޮސްވެސް 2020 ވަނަ އަހަރު ލިބުނު ލޯތްބާއެކު ކެމްޕެއިނަށް 5 މިލިއަން ލިބުނު "
އައިއޭސީގެ ޑިރްކްޓާ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން އަޒްހަދު އަހުމަދު

ކޮސޯވޯގެ ނިކަމެތި އާއިލާތަކަށް އެއް މަސްދުވަހަށް ބެނުންވާ މިންވަރަށް ކާބޯތަކެތި ފޯރުކޮށްދީފައިވާއިރު މުޅި ޖުމްލަ 250 ފުޑް ޕެކޭޖްތަކާއި 100 އާއިލާއަށް ވަނީ ހޮޓްމީލް ޕެކްތަކާއި، ސެލެޑާއި، ޕާން އަދި މޭވާބަހާފައެވެ.

އެ ކެމްޕެއިނަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވައިލާފައިވާއިރު ކުދި ވިޔާފާރިތަކަށާއި ބޮޑެތިވިޔާފާރިވެރިންނަށާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށްވެސް އެހީގެ ތަކެތި ފޯރުކޮށްދެވޭނެއެވެ.

އައިއޭސީގެ އެކައުންޓް ނަންބަރު 7770000062740 މެދުވެރިކޮށް މި ކެމްޕޭނަށް ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވަލާފައިވާ ކަމަށް އައިއޭސީއިން ބުނެއެވެ.