މިހާރަށްވުރެ ބޮޑަށް ހެލިފެލިވުން އިތުރުކޮށް، ފައިމަގުގައި އުޅޭ އުޅުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ނައިބު މިހެން ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނައިބު ވިދާޅުވީ ރާއްޖޭގެ ކުދިކުދި ރަށްތަކުގައި ސައިކަލާއި ކާރުތަކުގައި އަބަދު އުޅެ ދުރަށްދާންޖެހޭ ކަހަލަ ހިސާބެއް އޮތްތޯ ވިސްނާލަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ޖެހިގެން ހުންނަ ގެއަށް ނުވަތަ އޮފީހަށް ފައި މަގުގައި ހިނގާފައި ދިޔުން އާދައަކަށް ނެހެދެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ނައިބު ފާހަގަކުރެއްވިއެވެ.

ނައިބު އިތުރަށް ވިދާޅުވީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދުޅަހެޔޮ ސިއްހަތެއް ކަށަވަރުކުރުމަށްޓަކާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައެއް ބަދަލުތައް ގެންނަން ޖެހޭކަމަށެވެ. ވަކިން ހާއްސަކޮށް ހެލިފެލިވުން އިތުރުކޮށް، ފައިމަގުގައި އުޅޭ އުޅުން އިތުރުކުރަންޖެހޭ ކަން ނައިބު ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ހެލިފެލިވެ އުޅުން އިތުރުކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ކުޑަކުޑަ ޤައުމެއްގައި ކުދިކުދި ރަށްރަށުގައި އެހާ ބޮޑެތި ސައިކަލްތަކާއި ކާރުތަކުގައި އަބަދު އަޅުގަނޑުމެން އުޅެން، އެހާ ދުރަށް ދާންޖެހޭކަހަލަ ހިސާބެއް އޮތްތޯ އެއީ އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހޭ ކަމެއް. ފައިމަގުގައި ހިނގާފައި ކޮންމެވެސް މިންވަރަކަށް އަޅުގަނޑުމެން ޖެހިގެންހުންނަ ގެއަށް ނުވަތަ އޮފީހަށް ދިއުން އެއީ އާދައަކަށް އަޅުގަނޑުމެންނަށް ނެހެދެންވީ ހަމަ އެއްވެސް ސަބަބެއްނެތް
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ވަނީ ރަށްރަށުގެ ކައުންސިލުން ވެސް މިކަންކަމަށް ހާއްސަ އިސްކަމެއްދީ މި އާދަ އަށަގެންނެވުމަށް އިތުރަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.