ބޭރުގެ އެތައް ގައުމަކުން ބައިވެރިވާ "ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022" މުބާރާތުގައި ދާދިފަހުން ރާއްޖެ ތަމްސީލްކޮށް، އެ މުބާރާތުގެ ފައިނަލްގައި އަލްހާފިޒް އަހްމަދު ނަބީހް ވަނީ ކިޔަވާފައެވެ. މި ރަމަޟާން މަހުގެ 1 އިން 14 އަށް ކުރިއަށް ދާ އެ މުބާރާތުގެ ފައިނަލްގައި ކިޔަވާފައި ވާއިރު، ކިޔެވުން އަޑުއަހަން ހާޒިރުވި އެތައް ބައެއްގެ ތައުރީފް ނަބީހަށް ލިބިގެން ދިޔަކަމަށް ޤުރްއާނާ ބެހޭ މަރުކަޒުން ބުންޏެވެ.

އެ މުބާރާތުގައި ވާދަކޮށް ފައިނަލް ބުރުގައި ކިޔެވުމުގެ އިތުރުން ނަބީހް ވަނީ ރާއްޖެ ފަހުރުވެރިވާނެ ފަދަ ރީތި ނަމެއް ހޯދައިދީފައެވެ. ނަބީހްގެ އެ ކާމިޔާބީގެ ފަހަތުގައި ހުރީ ނަބީހްގެ މަންމަ އައިމިނަތު މުހައްމަދު (އައިންތު) އެވެ. އެތަކެއް ދައްޗަކާ އެކު، މިހާ ހިސާބަށް ނަބީހް ގެނައުމުގައި އައިންތު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން އައިންތު ބުނީ، މީގެ ފަސް އަހަރު ކުރިންވެސް، 2017 ގައި ނަބީހަށް އެ ފުރުސަތު ލިބުނު ކަމަށެވެ. އެ އޮޑިޝަންގައި ކިޔެވި އެހެން ދަރިވަރުންނަށް ވުރެ ނަބީހުގެ ނަތީޖާ ރަނގަޅު ނަމަވެސް، ނަބީހަށް ވާހަކަ ދައްކަން ނޭނގޭ ކަމަށް ބުނެ، އެ ފުރުސަތު އޭރު ދިނީ އެހެން ކުއްޖަކަށް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިފަހަރު ހުރިހާ ފުރުސަތުތަކެއް ފަހިކޮށްދީފައި ވާތީ އައިންތު ހުރީ ވަރަށް އުފަލުންނެވެ.

"ވަރަށް އުފާވެފަ މިތިބެނީ އަސްލު ހަގީގަތުގަ،"
އައިންތު

ނަބީހަކީ އޯޓިޒަމް ކުއްޖެއް ކަމާއި ވާހަކަ ދައްކަން ދަތިތަކެއް ހުރުމާއެކު، ނަބީހު އެކަނި ގެންގުޅެން އުނދަގޫވާނެތީ ދުބާއީއަށް ދިއުމަށްޓަކައި އައިންތު ހާއްސަ ވިސާއެއް ހޯދަން ޖެހުން ފަދަ ކަންކަން ކުރަން ޖެހުނެވެ. އެކަމަކު އެ ހުރިހާ ކަމެއް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދީފައި ވާ ކަމަށާއި، އެއްވެސް ތަފާތު ކުރުމެއް ނެތި ޤުރުއާނާ ބެހޭ މަރުކަޒާއި މިނިސްޓްރީންވެސް އެހީވެދިންކަން އައިންތު ވަނީ އުފަލާއެކު ފާހަގަ ކޮށްފައެވެ.

އެގޮތުން، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއާއި، މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިހު އިލްޔާސް ޖަމާލްވެސް އެ އާއިލާގެ ހާލު ބައްލަވާ ކަމަށް ބުންޏެވެ. އަދި އިސްލާމިކް މިނިސްޓަރާ ބައްދަލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ. މިނިސްޓަރުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ނަބީހަށް ހިތްވަރު ދެއްވައި ޓްވީޓް ކުރައްވާފައެވެ.

"ބައްދަލުކޮށްފަ [މިނިސްޓަރު] ވިދާޅުވީ ނަބީހްގެ ހައްގެކޭ ނަބީހަށް މި ދިނީ، އެހެންވިއްޔާ ނަބީހަށް އެ ހައްގު ލިބިދޭން ޖެހޭނެ ނޫންތޯއޭ." އައިންތު ބުންޏެވެ.

އޭގެ އިތުރުން، އައިންތަށް ލިބުނު އެންމެ ބޮޑު އެއް އުފަލަކީ ދުބާއީގެ ރޭޑިއޯ ޗެނަލަކުން ނަބީހް ޤުރްއާން ކިޔަވާ އަޑު ރެކޯޑުކުރުމަށް ފުރުސަތު ލިބިގެން ދިއުމެވެ.

"އެ ބޭފުޅާ ހަމަ ދުރުވެ ނަބީހު ހޯދައިގެން މޯލްޑިވްސް ކިޔަމުން އައީ. ވިދާޅުވީ މާޝާ ﷲ ވަރަށް ރީއްޗޭ ވޮއިސް ވެސް ވަރަށް ރީއްޗޭ."
އައިންތު

މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮތީ މިމަހުގެ 14 ގައެވެ. ނަބީހާއި ނަބީހުގެ އާއިލާއިން ތިބީ މި މުބާރާތުގެ ނަތީޖާއަށް އިންތިޒާރު ކޮށްގެންނެވެ.

މި ފުރުސަތުގައި އައިންތު ވަނީ ނަބީހަށް ސަޕޯޓްކުރާ ހުރިހާ ފަރާތްތަކަށާއި، ވަކިން ހާއްސަކޮށް ހުރިހާ ދިވެހިންނަށް އަދި މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

"ނަބީހުގެ ސަޕޯޓަރުންނަށް ވަކިން ހާއްސަކޮށް ދިވެހި ރައްޔިތުންނަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން ބޭނުން." އައިންތު ބުންޏެވެ.