މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫން ހިސާބުގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ މާލޭ މީހުންނަށް ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅީފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދޭނެ ކަމަށް އިއުލާނުކުރައްވާފައެވެ.
މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވިދާޅުވީ ޖޫން ހިސާބުގައި ގޯއްޗަށް ހުޅުވާލާނެ ކަމަށް ބެލެވޭ ކަމަށެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް މާ ބޮޑެތި ޝަރުތުތަކެއް ކަނޑައަޅައިފައެއް ނުވެއެވެ. ގޯތި ދޫކުރުމުގައި ބަލާނީ ހަތަރު ޝަރުތަކަކަށެވެ. އެއީ މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުމާއި އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަކުރަން ވެސް އެ ވަރުގެ ބިމެއް ނެތުމާއި އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލުމާއި ދަފްތަރަށް އުފަން މީހަކަށް ވުމާއި މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހަކަށް ވުމެވެ.