ގިނަ ބައެއްގެ އަތުން އެތަށް މިލިއަން ރުފިޔާ ނަގާ ފިލައިގެން އުޅުނު ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ވަކި ޝަރުތަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބޭރުކޮށްލި މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް ވިދާޅުވީ، ޖިނާއީ އިޖުރާއާތާ ގުޅޭ ކަންކަމުގައި މުއްދަތު ގުނާނެ ގޮތް ގަވާއިދުގައި އެބައޮތް ކަމަށާއި ޕީޖީ އޮފީހުން، މުއްދަތު އޮއްވާ ހައިކޯޓަށް މައްސަލަ ހުށަހެޅި ކަމަށެވެ. އައްމަޓީ ބަންދުން ދޫކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބޭރުކޮށްލުމުން ހައިކޯޓުގެ އެ ނިންމުން މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވާ، އައްމަޓީ ހައްޔަރުކޮށް ހިންގި ޝަރީއަތުގައި އޭނާ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް އަދި މުޖުތަމައަށް ނުރައްކާވާނެ ކަމުގެ ފުރުސަތު އޮތް ކަމަށާއި އޭނާ ޝަރީއަތަށް ފިލައިފާނެ ކަމުގެ ބިރު އޮތުމުން ދައުލަތުގެ ވަކީލުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް މީގެ ކުރިން ވަނީ އެދިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަކި ޝަރުތުތަކަކާއެކު އައްމަޓީ ބަންދުން ދޫކޮށްލަން ދެ ފަހަރަކު ނިންމުމުން ވެސް، ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ. އެގޮތަށް އަމުރުކޮށްފައި އޮއްވާ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑު އެހުމުގައި ވަނީ އަނެއްކާވެސް ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލަން ނިންމާފައެވެ.
އައްމަޓީ ދޫކޮށްލި މައްސަލަ ޕީޖީން ހުށަހެޅީ މުއްދަތު ހަމަވިފަހުން: ހައިކޯޓް
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅުމުން ހައިކޯޓުން ބުނެފައި ވަނީ ކޯޓު އަމުރުތައް 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭއިރު، އައްމަޓީ ދޫކޮށްލި މައްސަލަ ޕީޖީން ހުށަހަޅާފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ގަޑިއިރުން ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައި ހުރި ކަންކަމުގައި 'ގަޑި' ގުނާނެ ގޮތް ގާނޫނުގައި ނެތް ކަމަށާއި މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި ވެސް ގަޑި ގުނާނެ ގޮތް ބަޔާންކޮށްފައި ނުވާ ކަމަށް ހައިކޯޓުން ބުނެއެވެ.
އެހެންކަމުން މި ހާލަތުގައި، ގަޑި ގުނުމަށް ހައިކޯޓުން ބެލީ މީހުން ބަންދުކޮށްފައި، 24 ގަޑިއިރު ތެރޭ ފަނޑިޔާރެއް ކުރިމައްޗަށް ހާޒިރުކުރަން، ގާނޫނު އަސާސީގެ 48 ވަނަ މާއްދާ އާއި، ޖިނާއީ އިޖުރާއަތުގެ 58 ވަނަ މާއްދާގައި ބުނާ ބުނުމަށެވެ. އެ 24 ގަޑިއިރު ގުނަނީ، ހައްޔަރުކުރާ ވަގުތުން ފެށިގެން ދެމިގެން ދާގޮތަށް ކަމަށް ވާތީ، އެ 24 ގަޑިއިރާއި، އިސްތިއުނާފު ކުރަން އޮތް 48 ގަޑިއިރާ ގިޔާސް ކުރުން ކަމަށް އެ ކޯޓުން ބުނެއެވެ. އެގޮތުން ޕީޖީ އޮފީހުން އިސްތިއުނާފު ކުރި އަމުރު އިސްތިއުނާފު ކުރަން އޮތް 48 ގަޑިއިރު ގުނާނީ، އިސްތިއުނާފު ކުރާ އަމުރު ކްރިމިނަލް ކޯޓުން ނެރުނު ހިނދުކޮޅުން ފެށިގެން ރެއާދުވާލާއެކު 48 ގަޑިއިރު ހަމަކުރާ ގޮތަށް ކަމަށް އެ ކޯޓުން ބުނެއެވެ.
ހައިކޯޓުގެ ނިންމުން ގޯސް، މުއްދަތު ގުނާނެ ގޮތް ގާނޫނުގައި އެބަ އޮތް: ޕީޖީ
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ގަޑިއިރުން ކުރަން ޖެހޭ ކަންކަން ބަޔާންކޮށްފައި ހުރި ކަންކަމުގައި 'ގަޑި' ގުނާނެ ގޮތް ގާނޫނުގައި ނެތް ކަމަށް ބުނާ ބުނުމަށް ޝަމީމް ވިދާޅުވީ، ހައިކޯޓުގެ ނިންމުން ބިނާކުރި ގާނޫނީ އަސާސްތައް ކަމުނުދާތީ، މިނިންމެވުން ރަނގަޅު ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. މިކަން ތަފްސީލުކޮށް ދެއްވަމުން ސުޕްރީމް ކޯޓުގެ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ، މުއްދަތު ގުނާނެ ގޮތުގެ (ހ) އަށް ރިއާއަތް ކުރެއްވިއެވެ. އެމާއްދާގައި ބުނާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
އެ މާއްދާއަށް ރިއާއަތް ކުރައްވަމުން ޝަމީމް ވިދާޅުވީ، އައްމަޓީ މައްސަލައިގައި ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ދުވަސް މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހަކީ 48 ގަޑިއިރު ގުނާ އިރު ނުގުނާނެ ދުވަހެއް ކަމަށެވެ. ދެން ގުނާނެ ތާރީހަކީ ޖެހިގެން އަންނަ އެ މަހުގެ 21 އަދި 22 ވަނަ ދުވަސް ކަމަށެވެ. އަދި އިސްތިއުނާފްގެ މުއްދަތު ހަމަވާނެ ދުވަހަކީ 23 މާޗް ކަމަށާއި އެ ދުވަސް މުއްދަތު ގުނާ އިރު ނުގުނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންކަމުން ޕީޖީން ހައިކޯތަށް މައްސަލަ ހުށަހެޅި 23 މާޗް އަކީ ސުޕްރީމް ކޯޓުގެ ގަވާއިދު އޮތް ގޮތުން، މުއްދަތުގެ ތެރޭގައި ހިމެނޭ ދުވަހެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން އެ މާއްދާގައި ހަވާލާދޭ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަކީ އިސްތިއުނާފު ކުރުމާ ބެހޭ މާއްދާއެއް ކަމަށާއި ފުލުހުންގެ ބަންދަށް މީހަކު ލައިގެން 24 ގަޑިއިރުތެރޭގައި ކޯޓަށް ހާޒިރުކުރާ ވާހަކައޮތް މާއްދާއެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންކަމުން މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތް ކަމަށް ހައިކޯޓުން ބުނީ ރަނގަޅަށް ނޫން ކަމަށާއި އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބަ އޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ވަގުތު ގުނުމާ ގުޅޭ މި އުސޫލަކީ މިހާތަނަށް އަމަލު ކުރަމުން އައި އުސޫލު ކަމަށާއި، މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވެސް މީގެ ކުރިން އެތައް މައްސަލައެއްގައި މިހާރު އަމަލު ކުރަމުން ދާ ގޮތަށް މުއްދަތު ގުނާފައި ވެސް އެބަ ހުރި ކަަމަށް ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން، މިހާރު އަމަލު ކުރަމުން ދާގޮތަށް ވަގުތު ގުނައިގެން އެތައް މައްސަލައެއް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ބަލާފައިވާ ކަމަށާއި، ހުކުމް ކޮށްފައި ވެސް އެބަހުރި ކަމަށް ޝަމީމް ވިދާޅުވިއެވެ. ހުދު މި މައްސަލައިގައި ވެސް ހަމަ އެގޮތަށް ދުވަސް ގުނައިގެން މައްސަލަ ޝަރްއީ މަރްހަލާ ތަކުގައި، މީގެ ކުރިން ހިންގާފައިވާ ކަަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.