1443 ވަނަ އަހަރުގެ ރޯދަ މަހުގެ 1 ން 14 އަށް ދުބާއީގައި މިހާރު ކުރިއަށްދާ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކޮށް އަހްމަދު ނަބީހް މުބާރާތުގެ ފައިނަލް ބުރުގައި ކިޔަވައިފިއެވެ.

ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން މައުލޫމާތު ދިން ގޮތުގައި ނަބީހުގެ ކިޔެވުން އަޑުއަހާފައި ހާޒިރުވެތިބި އެތައް ބައެއްގެ ތައުރީފު ނަބީޙް އަށް ލިބިގެންދިޔައެވެ. އަދި މުބާރާތް އިންތިޒާމްކުރެއްވި ފަރާތުން ނަބީހުއާ ކުރި އިންޓަވިއުގައި ސޫރަތެއްގެ ނަން ބުނުމަށްފަހު އެ ސޫރަތުގެ އާޔަތެއްގެ ނަންބަރު ބުނުމުން ނަބީހު އެ އާޔަތް ކިޔައިފައިވާ ކަމަށް ވެސް އެމަރުކަޒުން ބުނެއެވެ.

އެވަގުތު ނަބީހުގެ އާދަޔާ ހިލާފު ހުނަރު ފެނިފައި އިންޓަވިއު ކުރި މީހުން އަޖައިބުވެ ފެންކަޅިވި ކަމަށް ވެސް ގުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

މީގެ އިތުރުން ތަފާތު އެކި ރާގުރާގަށް ކިޔެވުން ފަދަ ހުނަރުތައް ނަބީހް ވަނީ ދައްކާފައިވެއެވެ. ނަބީހުގެ އެ ހުނަރުތައް ފެނިފައި ޑުބާއީގެ ރޭޑިއޯ ޗެނަލަކުން ވަނީ ނަބީހުގެ ކިޔެވުން ރިކޯޑުކުރުމަށް ބޭނުންވާ ކަމަށް ބުނެފައެވެ.

ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އައްޝައިހް އިލްޔާސް ޖަމާލް ވިދާޅުވި ގޮތުގައި ނަބީހުއަކީ ވަރަށް ކުރިން ސުރެ ގުރުއާން ހިތުދަަސްކޮށް، ގުރުއާން މޮޅަށް ކިޔެވުމުގެ ހުނަރު ލިބިފައިވާ ކުއްޖެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު މީގެ ކުރިން ވެސް ނަބީހްއަށް ލިބެން ޖެހޭ ކަމަށް އިލްޔާސް ފާހަގަކުރެއްވިއެވެ.

https://www.youtube.com/watch?v=veO1vf7fjvs&t=20s

އިލްޔާސް އިތުރަށް ވިދާޅުވީ އަދުގެ ސަރުކާރުގެ ސިޔާސަތަކީ މިފަދަ ކުދިންނަށް ފުރުސަތު ފަހިކޮށްދީ، ތަފާތުކުރުންތައް ނައްތާލުން ކަމަށެވެ. އަދި އެކަމަށް ވަރަށް ބޮޑަށް އަދުގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ައލީ ބާރުއަޅުއްވާ ކަމަށާއި، ނަބީހްގެ އާއިލާއާ ބައްދަލުކުރައްވާ، ނަބީހުއަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަބީހް މިހާރު ހުރީ މި މުބާރާތުގެ ނަތީޖާފާޅުކުރާ ހަފްލާގައި ރާއްޖެ ފަހުރުވެރިވާ ފަދަ ވަނައެއް ހާސިލުކުރުމުގެ ފޮނި އުއްމީދުގައެވެ.