ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އަންމަޓީ ހައްޔަރުކުރި އައްމަޓީ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުއެވެ. މިއީ ކްރިމިނަލް ކޯޓުން އައްމަޓީ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރެވެ.

ނަމަވެސް އައްމަޓީ ބަންދުން ދޫކޮށްލި ދެފަހަރު ވެސް އޭނާ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރުންނެވެ.

އައްމަޓީ ދޫކޮށްލި މައްސަލައިގައި ހައިކޯޓުން މިއަދު ބުނެފައިވަނީ ކޯޓު އަމުރުތައް 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭއިރު، އައްމަޓީ ދޫކޮށްލި މައްސަލަ ޕީޖީން ހުށަހަޅާފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށެވެ.

މީގެ އިތުރުން ދުވަސް ގުނުމުގައި އެކަމެއް ހިނގާ ދުވަހާއި ނިމޭ ދުވަސް ނުގުނޭނެ ކަމަށް ގާނޫނުގައި އޮތަސް، ގަޑިއިރު ގުނުމުގައި އެފަދަ އުސޫލެއް ގާނޫނުގައި ނެތް ކަމަށާއި، ހައްޔަރު މީހުންގެ ބަންދާ މެދު 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމުމުގައި ވެސް މިހާތަނަށް ކޯޓުތަކުން ގަޑިއިރު ގުނަނީ ހައްޔަރުކުރާ ދުވަސް ހިމަނައިގެން ކަމަށް ހައި ކޯޓުންގެ ހުކުމުގައި ވަނީ ބުނެފައެވެ.

ހުކުމުގައި ބުނީ މުއްދަތުގެ ފަހުން މިމައްސަލަ އިސްތިއުނާފު ކޮށްފައިވާތީ އައްމަޓީ ދޫކޮށްލި މައްސަލައިގައި ޕީޖީން ފާހަގަކުރާ އިޖުރާއީ ނުކުތާތަކަށް އިތުރަށް ބެލޭނެ ތަނެއް ނެތް ކަމަށެވެ.

އެހެންކަމުން އައްމަޓީ ބަންދުން ދޫކުރުމާ ބެހޭގޮތުން ދައުލަތުން ފާހަގަކުރި ކަންކަން އިތުރަށް ބެލޭނެ ތަނެއް ނެތް ކަމަށް ހުކުމުގައިވެއެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައި ވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައި ވެއެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލާފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އޮތް އަޑުއެހުމުގައި އައްމަޓީ ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ.