އޮންލައިން ޕްލެޓްފޯމަށް ދޫކޮށްލުމަށްފަހު އެ ޕޯސްޓަކަށް ބަދަލު ގެނައުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އެޑިޓް ބަޓަންއެއްގެ މަސައްކަތް ކުރަމުން ދާ ކަން، ޓްވިޓާ އިން ކަށަވަރު ކޮށްދީފިއެވެ.
ޓްވިޓާއިން މިފަދަ މަސައްކަތެއް ފަށާފައި ވަނީ، އެ ކުންފުނީގެ އާ ބޯޑު މެންބަރު، އަދި މަޝްހޫރު މަހުޖަނު، އީލޯން މަސްކު، ޓްވިޓާގައި ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓެއްގައި، އޭނާގެ ފޮލޯވާޒް އެންމެ ބޭނުންވާ ފީޗާއަކީ ކޮބައިތޯ ބެލުމަށް ފަހުގައެވެ.
ނަމަވެސް، މިދިޔަ އަހަރުން ފަށައިގެންވެސް އެޑިޓް ފީޗާގެ މަސައްކަތް ކުރާކަމަށްވެސް އެ ކުންފުނީގެ ކޮމިއުނިކޭޝަންސް ޓީމުން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. އަދި އެ ހިޔާލު އައީ ހިޔާލު ހޯދުމުގެ ވޯޓަކުން ނޫން ކަމަށްވެސް އެ ޓްވީޓްގައި ބުނެފައި ވެއެވެ.
ޓްވިޓާއިން ވަނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި، އެޑިޓް ބަޓަން ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ޓްވިޓާގެ އެޑިޓް ފީޗާގެ ހިދުމަތް އެންމެ ފުރަތަމަ ލިބޭނީ ޓްވިޓާ ބްލޫ ނުވަތަ އިޝްތިރާކު ދައްކައިގެން ޓްވިޓާގެ ހިދުމަތް ހޯދަމުން ދާ ކަސްޓަމަރުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.
އަލަށް ތައާރަފު ކުރާ އެޑިޓް ފީޗާއާއެކު، ޓްވިޓަށް ލިބިފައިވާ ރިޕްލައިތަކާއި، ލައިކް އަދި ރީޓްވީޓްތައް ނުގެއްލި، އަސްލު ޓްވިޓަށް ބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ޓްވިޓާގައި އެޑިޓް ބަޓަންއެއްގެ ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ގިނަ ބަޔަކު ގޮވާލަމުން ދާ ތާ ދުވަސްތަކެއް ވީ ނަމަވެސް، އެކަން ކުރާނެ ގޮތަކާ މެދު އޮތީ ކަންބޮޑުވުން އުފެދިފައެވެ. އެގޮތުން ބަދަލު ގެނެވޭ ގޮތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ވިލަރެސް ކުރެވޭނެ އިންތިޒާމުތައް ބަލަމުން ދާ ކަމަށް ޓްވިޓާއިން ވަނީ އިޝާރާތް ކޮށްފައެވެ.
ޓްވިޓާގެ ވެރިޔާ ޖެކް ޑޯސީ، 2018 ވަނަ އަހަރު ވަނީ، ފަހަރުގައި އެފަދަ ފީޗާއެއް ނައުންވެސް އެކަށީގެންވާ ކަމަށް ބުނެފައެވެ.