ގަލޮޅު ދަނޑު ތަޅާލައި އެޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ ކުރެހުން ދައްކާލައިފިއެވެ.

ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލާ އާ ދަނޑެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ބަޖެޓު ކުރެވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

އެ ޓްވީޓާއެކު މަހްލޫފު ވަނީ އާ ދަނޑުގެ ކުރެހުންތައް ވެސް ހިއްސާ ކުރައްވާފައެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ވަނީ 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭން ނިންމާފައެވެ. އެ އެހީގެ ތެރެއިން ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް 45 މިލިއަން ރުފިޔާ ވަނީ މިއަހަރުގެ ބަޖެޓުގައި ހިމަނާފައެވެ.

އަދި އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.