އައްޑޫ ސިޓީގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެޗްއާރް ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 6 އަހަރުގެ ކުއްޖާގެ މައްސަލަގައި އަންހެނަކު ހައްޔަރުކޮށްފައި ވާއިރު މި މައްސަލައާ ގުޅުން ހުރި އެކި ވާހަކަ އެކި ގޮތައް ދެކެވޭ ކަމަށެވެ.

އެހެން ކަމުން މިކަމުގެ ހަގީގަތް ކަމާ ބެހޭ ފަރާތްތަކުން އޮޅުންފިލުވުމަށް އެޗްއާރް ކޮމިޓީގެ ބައްދަލުމެއް މާދަމާ ބާއްވާ ދިނުމަށް އެދުމުން އެބައްދަލުވުން ބާއްވާނެ ކަމަށް ކޮމިޓީގެ ޗެއާ ޔަގީންކަން ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރުވެސް މިކަމާ ގުޅޭ މައުލޫމާތު ލިޔެކިޔުމުން ހޯދުމަށް ކޮމިޓީގެ އެންމެފަހުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ ކަމުގެ ހައްސާސް ކަމުން ކަމާ ގުޅޭ ފަރާތްތައް މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ވަގުތުން ޖަވާބު ލިބުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި ކުށެއް ނެތް މީހަކަށް އެންމެ ހިނދުކޮޅަކުވެސް ނުހައްގުން އަދަބެއް ލިބޭކަށް އެދިވަޑައިނުގަންނަވާ ކަމަށް އޭނާ ފަހަގަކުރެއްވިއެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 59 އަހަރުގެ އަންހެނެކެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މިމަހު 25 ވަނަ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެއްބަޔަކު ބުނަނީ، އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އަންހެނެއް ކަމަށް ވިޔަސް، އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ އެކުއްޖާގެ ކާފައެވެ.