ދުބާއީ އިންޓަނޭޝަނަލް ހޯލީ ގްރުއާން މުބާރާތަށް ހޮވުނު އަހްމަދު ނަބީހް އެ މުބާރާތުގެ ދެވަނަ ބުރަށް ހޮވިއްޖެއެވެ.

މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ މި އަހަރުގެ ރޯދަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް ދުބާއީގައެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ޝައިހް އިލްޔާސް ޖަމާލް ވިދާޅުވީ ނަބީހްގެ އެ ކާމިޔާބީއަކީ ރާއްޖެ ފަހުރުވެރިވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ކީރިތި ގްރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ، މި މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރި ވާނެ ފަރާތެއް ހޯދުމަށް ހުޅުވާލުމުން ބައިވެރިވުމަށް އެދިފައިވަނީ 3 މީހެއް ކަމަށެވެ. އެ މީހުންގެ ތެރެއިން މުބާރާތުގައި ބައިވެރިވާން ހޮވުނު އަހްމަދު ނަބީހް އެކަންޏެވެ.

ހާފިޒް ކަމުގެ ސަނަދު ލިބިފައިވާ އަހްމަދު ނަބީހަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެކެވެ. އެހެންނަމަވެސް އޭނާއާއެކު އެހީތެރިއެއްގެ ގޮތުގައި އޭނާގެ މަންމައާއި ދައްތަ މިދަތުރުގައި ބައިވެރިވާ ކަމަށް އެ މަރުކަޒުން ބުނެއެވެ.

ނަބީހް

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ ދުނިޔޭގެ މަޝްހޫރު ގާރީން ކިޔަވާގޮތަށް ޤުރުއާން ކިޔެވުމާއި ރީތި ރާގުރާގަށް ބަންގި ގޮވުމަކީ ނަބީހް އެންމެ ކުރާހިތްވާ ކަމަަށްވާއިރު އޭނާގެ ހުވެފަނަކީ ރާއްޖޭގެ މިސްކިތެއްގައި އިމާމްވެ ތަރާވީހް ނަމާދު ކުރުން ކަމަށެވެ. އަދި ނަބީހް އަދާކުރާ ހިއްވާ ވަޒީފާއަކީ އިމާމްކަމާއި މުއައްޛިންކަން ކަމަށްވެސް އެ މަރުކަޒުން ބުނެއެވެ،

ނަބީހަކީ ކީރިތި ގްރުއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ގައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހާސިލު ކޮށްފައިވާ މީހެކެވެ.