"ދަ ޕްރެސް"ގެ ރޯދަ ސެގްމަންޓް "ދަޕްރެސް ރޯދަ" ލޯންޗުކޮށްފިއެވެ.

މިއަހަރު ރޯދަ މަހަށް ހާއްސަކޮށްގެން ދަ ޕްރެސްއިން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު އެ ސެގްމަންޓުން އެ ހުރިހާ ޕްރޮގްރާމްތަކާއި އޭގެ މައުލޫމާތު ފެންނަން ހުންނާނެއެވެ.

އެގޮތުން ޤުރުއާން ހަތިމުކުރުމުގެ ޕްރޮގްރާމާއި ދަ ޕްރެސްގެ ކުއިޒާއި ރޯދައާއި ސުވާލު ޕްރޮގްރާމް ހިމެނެއެވެ. ކުރު ވާހަކަ މުބާރާތަށް ބައިވެރިން ފޮނުވާފައި ހުރި ވާހަކަތަކާއި ރޯދައަށް ހައްސަކޮށްގެން ގެނެސްދޭ ޕްރޮފައިލް ނުވަތަ "މީހުން" ބަޔާއި ރޯދައާ ގުޅޭގޮތުން ގެނެސްދޭ ހަބަރުތައްވެސް އެ ސެގްމަންޓުން ފެންނަން ހުންނާނެއެވެ.

ދަ ޕްރެސްގެ ރޯދަ ސެގްމަންޓުގެ ސްކްރީން ޝޮޓެއް

ދަ ޕްރެސް ރޯދަ ކްއީޒް

ދަ ޕްރެސްގެ ރޯދަ ކްއިޒް އަކީ ކިޔުންތެރިންގެ އާންމު މައުލޫމާތާއި ޖަވާބު ދިނުމުގެ ހުނަރު ވަޒަން ކޮށްލަން ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ބައެކެވެ. އެ ކްއީޒުގައި ކޮންމެ ދުވަހަކު ހިމެނޭ 5 ސުވާލަށް އެންމެ އަވަހަށް ޖަވާބުދީ އެންމެ ގިނަ ޖަވާބު ރަނގަޅުކުރާ އެކަކަށް ކޮންމެ ދުވަހަކު ފްޑް ބޭންކު މިލޭނިއަމް އިން ހިލޭ ރޯދަވީއްލުމެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދަ ޕްރެސްގެ ރޯދަ ސެގްމަންޓުގެ ސްކްރީން ޝޮޓެއް

ދަ ޕްރެސް ރޯދައާއި ސުވާލު

ރޯދަ އާއި ސުވާލު ޕްރޮގްރާމަކީ ރޯދަ ނިމޭ އިރު އެންމެ ގިނަ ސުވާލު ރަނގަޅު ކުރާ ފަރާތަކަށް އަގުހުރި އިނާމެއް ދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކޮންމެ ދުވަހަކު ހެނދުނު 6 އިން 12 އަށް 1 ސުވާލު، މެންދުރު 12 އިން އިރުއޮއްސި 6 އަށް 1 ސުވާލު އަދި އިރުއޮއްސި 6 އިން ރޭގަނޑު 12 އަށް 1 ސުވާލު ހުށައަޅާ އިރު ކޮންމެ ސުވާލެއްގެ ޖަވާބުވެސް އެ ސުވާލަކަށް ކަނޑައަޅާފައި އޮންނަ ގަޑި ހަމަވުމުގެ ކުރިން ފޮނުވަން ޖެހޭނެއެވެ.

ހަތިމް ކުރުން / ފޮނުވަން ޖެހޭ ފޯމް

ޤުރުއާން ހަތިމުކުރުމުގެ ޕްރޮގްރާމްގައި ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް މަދުވެގެން ހަތިމުން 1 ފޮތް ކިޔަވާ، ކިޔެވި ފޮތުގެ ތަފްސީލު (ފެށި ހިސާބާއި ނިންމި ހިސާބު) އެނގޭނެހެން "ދަ ޕްރެސް" އަށް ފޮނުވަން ޖެހޭނެއެވެ. އަދި ހަތިމް ކުރުމުގެ ޕްރޮގްރާމުގެ ބައިވެރިން ރޯދަމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 30 ފޮތް ކިޔަވާ ނިންމަން ޖެހޭނެއެވެ. ޤުރުއާން ހަތިމުކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި އެކަކަށް ހިލޭ އުމުރާ ދަތުރެއްދޭ ގޮތަށް ވަނީ ނިންމާފައެވެ.

ޕްރެސްއިން ގެނެސްދޭ ކުރު ވާހަކަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ ޖެނުއަރީ 15 ގައެވެ. އަދި މާޗު މަހުގެ ނިޔަލަށް ފޮނުވި ވާހަކަތަކުގެ ތެރެއިން އެންމެ ރީތި 3 ވާހަކައެއް ހޮވާނެއެވެ. އަދި ވަނަތަކަށް ފައިސާގެ އިނާމުދޭން ނިންމައިފާ ވާއިރު 1 ވަނަ އަށް 1500 ރުފިޔާ، 2 ވަނަ އަށް 1000 ރުފިޔާ އަދި 3 ވަނަ އަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މައުލޫމާތު "ދަ ޕްރެސް" ގެ ހޮޓްލައިނަށް ގުޅައިގެން ސާފުކުރެވޭނެއެވެ. ހޮޓްލައިން ނަންބަރު ވެބްސައިޓްގެ ފޫޓާގައި އޮންނާނެއެވެ.