އައްޑޫ ސިޓީގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އަވަސް ތަހުގީގެއް ހިންގުމަށް އައްޑޫސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ގޮވާލައިފިއެވެ.

އެ ކޮމެޓީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު 23 ވީ އަންގާރަ ދުވަހު، އައްޑޫސިޓީ ހިތަދޫ ގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ އަކީ އެ ކޮމެޓީއިން ނުހަނު ކަންބޮޑު ވާކަމެއް ކަމަށެވެ.

އަދި މި ލާއިންސާނީ އަނިޔާވެރި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް، މިއަމަލު ހިންގި ފަރާތެއް ހޯދުމަށް، ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިންސާފުވެރިކަމާއެކު އަވަސް ތަހްގީގެއް ހިންގުމަށް ކަމާއި ބެހޭ ފަރާތްތަކަށް އެކޮމިޓީން ވަނީ ގޮވާލާފައެވެ.

ހަމަ އެހެންމެ މި ލާއިންސާނީ ދަށުދަރަޖައިގެ އަނިޔާވެރި އަމަލާއި ގުޅިގެން ބަންދު ކުރެވޭ ފަރާތްތަކަކީ ގާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަ ކޮށް ސައްހަ ހެކީގެ މައްޗަށް ބިންވާ ފަރާތްތަކެއް ކަމަށް ވުން މުހިއްމު ކަމަށް ވެސް އެކޮމިޓީން ބުނެއެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 59 އަހަރުގެ އަންހެނެކެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މިމަހު 25 ވަނަ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަންހެނެއް ނަމަވެސް، އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ކާފައެވެ.