ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ގްރޫޕް އައިރަނާސް އިން "ރޯދަ ރަން ޗެލެންޖް"ގެ ނަމުގައި ބާއްވާ ޗެލެންޖަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އާންމުކޮށް ހުރިހާ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް "ރޯދަ ރަން ޗެލެންޖް" ހާއްސަކޮށްފައިވަނީ އަލަށް ދުވުމުގެ ތެރެއަށް ނިކުންނަން ބޭނުންވާ މީހުންނަށާއި، ފިޓްނަސް ލެވެލް ރަނގަޅުކުރަން ބޭނުންވާ މީހުންނަށެވެ. މި ޗެލެންޖްގެ މަގްސަދަކީ ކަސްރަތުކުރުމަކީ އާދަޔަކަށް ހެދުމަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މީހުންނަށް ބާރުއެޅުމެވެ.
"ރޯދަ ރަން ޗެލެންޖް"ގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އައިރަނާސްގެ އިވެންޓްސް ވެބްސައިޓަށް ގޮސް ޕްރޮފައިލެއް ހެދުމަށްފަހު ރޯދަ ރަން އިވެންޓަށް ރަޖިސްޓްރީކުރެވޭނެއެވެ. ރަޖިސްޓްރީކުރުމަށް 250ރ ދައްކަން ޖެހޭނެއެވެ. މިފަހަރުގެ "ރޯދަ ރަން ޗެލެންޖް"ގައި ހިމެނޭ ކެޓަގަރީތަކަކީ:
- 50 ކިލޯމީޓަރު
- 100 ކިލޯމީޓަރު
- 200 ކިލޯމީޓަރު
އެހެންކަމުން މި ޗެލެންޖްގެ އެންމެ ފުރަތަމަ ކެޓަގަރީ ކަމުގައިވާ 50 ކިލޯމީޓަރުގެ ބައިގައި ރަޖިސްޓްރީކޮށްލުމުން، 20 ދުވަސް ވަންދެން ކޮންމެ ދުވަހަކު 2.5 ކިލޯމީޓަރު ހިނގުމުން ނުވަތަ ދުވުމުން ޗެލެންޖް ފުރިހަމަވާނެއެވެ. އަދި މި ޗެލެންޖްގައި ބައިވެރިވާ އެންމެނަށް 5 ކިލޯމީޓަރާއި، 10 ކިލޯމީޓަރުގެ އިތުރުން، 15 ކިލޯމީޓަރުގެ ވާޗުއަލް ދުވުންތަކެއް ހުޅުވާލާފައިވާނެ ކަމަށް، އައިރަނާސްގެ ކޯފައުންޑާ އަދި ހެޑް ކޯޗް ހުސައިން ޝުޖާއު ބުންޏެވެ.
މި ޗެލެންޖްގައި ބައިވެރިވެގެން ކޮންމެ ހަފްތާއެއްގައިވެސް ނަސީބުވެރިއެއް ހޮވާނެއެވެ. އެގޮތުން އެންމެ ފުރަތަމަ ހަފްތާގައި ނަސީބުވެރިއަކަށް ކޯރޮސް ޕޭސް 2 ގެ ގަޑިއެއް ލިބޭއިރު، ކޮންމެ ހަފްތާއެއްގައިވެސް އެއް ނަސީބުވެރިއަކަށް ފެމިލީ ރޫމް ކެފޭއިން 500ރ ގިފްޓް ވައުޗާއެއް ލިބޭނެއެވެ. އަދި ދުވާ މީހުންނަށް ހާއްސަ "މެރަތަން ޝޮޕް" ފިހާރައިން ގަންނަ ތަކެއްޗަށް ޑިސްކައުންޓްވެސް ލިބޭނެއެވެ.
މިއީ "ރޯދަ ރަން ޗެލެންޖް"ގެ ނަމުގައި އައިރަނާސް އިން މި ހަރަކާތް ބާއްވާ ފަސްވަނަ އަހަރެވެ.