އަންނަ ހޮނިހިރުގައި ރޯދަމަސް ފެށޭ އިރު ބާޒާރުން ލުނބޯ ހުސްވެއްޖެއެވެ. ލޯކަލް މާރުކޭޓާއި، ބާޒާރުމަތީ ސަރަހައްދުތަކާއި އަތޮޅުފިހާރަ ބަރީގައި ހުރި ތަންތާނގައިވެސް ލުނބޮއެއް ނެތެވެ.
ނަމަވެސް ދެތިން ފިހާރައެއްގައި ކުދި ކުދި އަދި ހަޑިވެފައި ހުރި ލުނބޯކޮޅެއް ވިއްކަން ހުއްޓެވެ. އޭގެ ތެރެއިން ވެސް ފީ ހޮވަމުން މީހުން އެ ގަނެގެން ދާތަން "ދަ ޕްރެސް" ގެ ނޫސްވެެރިންނަށް ވަނީ ފެނިފައެވެ.
ބާޒާރުން ލުނބޯ ހުސްވި އިރު، ލުނބޯ ލަސްނުވެ ލިބިދާނެ ކަމަށް ބައެއް ސޭޓުން ބުނި އިރު، އެހެން ބައެއް ސޭޓުން ބުނީ ލުނބޯ ލިބޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.
އެހެން ސޭޓަކު ބުނީ، މިއަދު ހެނދުނުއްސުރެ ދަނީ "އަންނަނީ އަންނަނީގައި" ކަމަށެވެ. އިތުރަށް ތަފްސީލު ދެމުން އޭނާ ބުނީ، ހެނދުނު ލުނބޯ އަންނާނެ ކަމަށް ސަޕްލަޔަރު ބުނި ނަމަވެސް، އިރު އޮއްސި ދިޔައިރުވެސް ނައި ކަމަށެވެ.
ބާޒާރުގައި ލުނބޯގެ އިތުރުން އެހެން ބާވަތްތައްވެސް ހުރީ ވަަރަށް ބޮޑަށް މަދުވެފައެވެ. މާރުކޭޓުގެ ދެތިން ގޮޅިއެއްގައި މޭވާގެ ބާވަތްތައް ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް، ތަރުކާރީގެ ބާވަތްތައް އެއްގޮތަކަށްވެސް ނެތެވެ.
މާރުކޭޓާއި ބާޒާރުމަތިން އާންމުކޮށް ލިބެން ހުންނަ، ކަރާ ވިއްކަނީ ކިލޯއެއް 25ރ. އަށެވެ. ފޭރު 15ރ. އަށް ގްރާމުން ވިއްކާއިރު، ކެރެޓް ވިއްކަނީ 25ރ. އަށެވެ. ބަޓާނާ 65ރ. އަށް ވިއްކާއިރު، ފިޔާ ހުރީ 15ރ. ގައި ހިފެހެއްޓިފައެވެ. އަދި އަލުވި ވިއްކަމުން ދަނީ ކުދި ބަސްތާ 110ރ. އަށެވެ. ފީ ހޮވާ ވިއްކަން ހުރި ލުނބޯކޮޅު ދެނީ ކިލޯއެއް 150ރ. އަށެވެ.
ކޮންމެ އަހަރަކުވެސް ރޯދަމަސް އަންނަ އިރު އާންމު ގޮތެއްގައި ބާޒާރުގެ ތަކެތީގެ އަގުތައް 200 - 300 ގުނަ އަށް އުފުލާލައެވެ. ވިޔަފާރިވެރިންނަށް ރޯދަ މަހަކީ އަންނަ އީދެކެވެ.
މާރުކޭޓުގެ ބައެއް ވިޔަފާރިވެރިން ބުނީ، އާންމުކޮށް ލިބެން ހުރި ބާވަތްތައް މިވަގުތު މަދު ވެފައި އަގު ހިފެހެއްޓިފައި ހުރީ، ތާޒާ ތަރުކާރީއާއި މޭވާ ލިބެންދެން ކަމަށެވެ. އަދި ރޯދަމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބާޒާރު ތިޔާގިވާނެ ކަމަށްވެސް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.
އިންޑިއާ އައުޓު ގޮވާތީ ގައުމަށް ނުރައްކާ ވެދާނެކަމުގެ ބިރަށް ލުނބޯ ނުގެންނަނީ.