ހިރިގަލުގައި ލިޔެ ފައްތާފައި އޮތް ސިހުރެއް ރަސްފަންނު ބޭރު ފަރުމަތިން ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހިރިގާ ފެނިފައި ވަނީ ރަސްފަންނު ސަރަޙައްދު ބޭރަށް ފީނަން ގޮސް އުނު ބަޔަކަށެވެ.

މިއީ ހިރި ގަލުގައި ލިޔެ ހަދާ ކަނޑަށް ފައްތާފައިވާ ސިހުރަކަށް ވާއިރު އާންމު ވެފައިވާ ފޮޓޯތަކަށް ބަލާއިރު މި ހިރިގަލުގެ ވަށައިގެން ލިޔެފައި ވެއެވެ. ފޮޓޯ އާންމު ކުރި މީހާ ވަނީ ލިޔުމުގެ ބައެއް ތަންތަން ކަނޑާފައެވެ. ގަބޫލު ކުރެވޭ ގޮތުން އެއީ، މީހުންގެ ނަން ލިޔެފައި ހުރި ތަންތަނެވެ.

މިފަދަ އެއްޗެހި ރަސްފަންނު ސަރަހައްދުން ވަރަށް އާއްމުކޮށް ފެންނަ ކަމަށް މައުލޫމާތު ލިބެއެވެ.

މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ރަސްފަންނު ބީޗު ކައިރިން ވަނީ ސިހުރު ހަދާފައި އޮތް ކަނދޮޅެއް ފެނިފައެވެ. އޭގައި ވެސް އަރަބިން ލިޔެފައިވާ އެއްޗެހިތަކެއް ހުއްޓެވެ. އެ ކަނދޮޅު ހުރީ، ރަސްފަންނުގައި މީހުން މޫދަށް އެރެ، ފެންވަރަށް އަރާ މާގަނޑުތައް ހުންނަ ތަނާ 10 ވަރަކަށް ފޫޓު ދުރުގައި އިންދާފައެވެ. އެ ކަނދޮޅު ފެނިގެން އެތާ އެވަގުތު އުޅުނު މީހަކު ކަނދޮޅު އުފުރާލައި އަވީގައި ބާއްވާފައި އޮއްވާ، އިތުރު ބަޔަކަށް ފެނިގެން އޭގެ ފޮޓޯ ނަގާ ވަނީ ސޯޝަލްމިޑިއާގައި އާންމުކޮށްފައެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ވެސް ރަސްފަންނު ސަރަހައްދު މޫދު ނެރު ތެރޭގައި ތާށި ކޮށްފައި އޮތް ސިހުރެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ވެސް ވަނީ ނަގާފައެވެ. އޭތި އޭރު ފުލުހުންނާ ވަނީ ހަވާލު ކޮށްފައެވެ.

2018 ވަނަ އަހަރު ފެނުނު ސިހުރެއް ކަމަށް ބެލެވޭ އެއްޗާއި ފުލުހުން ހަވާލުވަނީ ----

ސިހުރު ހާހޫރައިގެ މައްސަލަ އަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. ސިހުރު ހާހޫރައިގެ ކަންކަން ދަންނަ މީހުންނާއި، އެ ބާތިލު ކުރުމުގައި އުޅޭ ބައެއް މީހުންގެ ބަހުން އެނގޭ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ސިހުރު ޖެހި ޖެހޭ ބޮޑު އާފާތެއްގައި އެތައްބައެއްގެ ފުރާނަވެސް ގެއްލިފައި ވެއެވެ.

ސިހުރުގެ ސަބަބުން ކުދިންގެ ކިޔެވުން ހަލާކުވެ، އާއިލާތައް ރޫލި، އެތައް ހިތާމަވެރި މައްސަލަތަކެއް ދިމާވެއެވެ. މީހުން ސިހުރު ހަދަނީ ދުނިޔަވީ އެކި އެކި މަންފާތައް ހޯދުމަށާއި، ހަސަދައިގެ ސަބަބުން މީހުންނަށް ދެރައާއި ލޮޓިދީ މީހުން ނައްތާލުމަށެވެ.