ހއ. ބާރަށުގައި ސިހުރު ހަދާކަމުގެ މައްސަލައެއް ފެންމަތިވެ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ބާރަށުގައި ސިހުރު ހަދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މިއަދު ހެނދުނު 7:00 އިން ފެށިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެއްގައި އެރަށުގެ 8 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ތަންތަން ބަލާ ފާސްކޮށް މައްސަލަ އާއި ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، މައްސަލައިގެ ތުހުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި ފަރާތްތަކާއި ސުވާލު ކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުވެސް ވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި ހއ. ހޯރަފުށީން އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. މީގެއިތުރުން މިދިޔަ ފެބްރުއަރީ މަހު ވެސް ފުލުހުން ވަނީ ކުޅުދުއްފުށީގައި ހާއްސަ އޮޕަރޭޝަނެއް ހިންގާ 8 ގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ހޯދާފައެވެ. އޭގެ ތެރޭގައި ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، ފޮތާއި، ސިހުރު ހެދުމަށް ބޭނުންކުރާ އެކި ކަހަލަ އާލާތްތައް ހިމެނެއެވެ.