ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯރަފުށިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ވ. ކެޔޮދޫ / ތިބުރޯޒުގެ، މުހައްމަދު އަބްދުލްކަރީމް (34އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

މި މައްސަލައާ ގުޅިގެން އަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހު ވެސް ފުލުހުން ވަނީ ކުޅުދުއްފުށީގައި ހާއްސަ އޮޕަރޭޝަނެއް ހިންގާ 8 ގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ހޯދާފައެވެ. އޭގެ ތެރޭގައި ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، ފޮތާއި، ސިހުރު ހެދުމަށް ބޭނުންކުރާ އެކި ކަހަލަ އާލާތްތައް ހިމެނެއެވެ.

އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވީ ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.