އެލްކޭޖީ ޔޫކޭޖީ ދަރިވަރުންނަށް ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީ ސްކޫލެއް އެޅުމުގެ މަސައްކަތް މިއަދު ފަށައި، އެ ސްކޫލްގެ ބިންގާ އަޅައިފިއެވެ.

އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ހޯރަފުށި އިންޓަނޭޝަމަލް ޕްރީ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ. އެ ރަސްމިއްޔާތުގައި ހޯރަފުށި ކައުންސިލްގެ ނައިބު ރައީސް އަހްމަދު އިމްދާހާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެ ވަޑައިގަތެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ޕްރީސްކޫލްގައި ތިން ކްލާސްރޫމަކާއި، އެކްޓިވިޓީ ރޫމެއްގެ އިތުރުން، ޕްލޭގްރައުންޑެއް އޮންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން ބުނި ގޮތުގައި ހޯރަފުށި އިންޓަނޭޝަނަލް ޕްރީސްކޫލް އިމާރާތްކޮށް ނިންމުމަށްޓަކައި އަހަރެއްހާ ދުވަސް ނަގާނެއެވެ.

އެމްޓީސީސީން ބުނީ، ހޯރަފުށީގައި ޕްރީސްކޫލެއް އިމާރާތްކުރަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކަމަށެވެ. އެ ސްކޫލްގެ މަސައްކަތްތައް ނިންމައި، ދަރިވަރުންނާއި ބެލެނިވެރިންގެ އުންމީދުތައް ފުރިހަމަކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

ހޯރަފުށީގައި އިމާރާތްކުރާ ޕްރީސްކޫލްގެ އިތުރުން، ހޯރަފުށި އެއާޕޯޓުވެސް ހަދާފައިވަނީ އެމްޓީސީސީންނެވެ. އެ އެއާޕޯޓް ހުޅުވާފައިވަނީ 19 ނޮވެމްބަރު 2020 ގައެވެ.