ކޮންމެ އަހަރެއްގެވެސް ރޯދަ މަހާ ދިމާކޮށް މީހުން ދިރިއުޅޭ ރަށްރަށުންނާއި، ފަޅު ރަށްރަށުންނާއި، ފިނޮޅު ފަދަ ތަންތަނުން ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް، އީޕީއޭއިން ބުނެފިއެވެ.

އީޕީއޭއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރަށްރަށުންނާއި ފިނޮޅުތަކުން މިފަދައިން ވެލި ނެގުމަކީ ރަށްރަށުގެ ގޮނޑުދޮށްތައް ހަލާކުވެ، ރަށް ގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކި މައްސަލަތަކާ ކުރިމަތިވަމުންދާ ކަމަށެވެ. ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަކީ އުނދަގޫކަމެއް ކަން ފާހަގަކޮށް، އެ އޭޖެންސީން ބުނި ގޮތުގައި ވެލި ނަގަންވާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށެވެ.

އެހެންވެ، ރޯދަ މަހާ ދިމާކޮށް ގެތައް ޒީނަތްތެރިކުރުމަށާއި ޒަރޫރީ އެހެނިހެން ބޭނުންތަކަށް ވެލި ނަގަން ވަކި ސަރަހައްދުތަކެއް ހާއްސަކޮށް، ކައުންސިލްތަކާ އެ މައުލޫމާތު ވާނީ ހިއްސާކޮށްފައި ކަމަށް އެ އޭޖެންސީން ބުންޏެވެ.

އެހެންކަމުން، ޒަރޫރީ ބޭނުންތަކަށް ވެލި ނަގާއިރު، އީޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން، ރަށްރަށުގެ ކައުންސިލްތަކުުގެ ބެލުމުގެ ދަށުން ވެލި ނެގުމަށް އެ އޭޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގާނޫނާއި ގަވައިދާ ހިލާފަށް ވެލިނަގާ ފަރާތްތަކަށް ފިޔަވަޅު އަޅައި، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރޯދަ މަހާ ދިމާކޮށް ގެތަށް ޒީނަތްތެރިކުރުމަކީ ދިވެހިން ކުރާ ކަމެކެވެ. އެގޮތުން ރޯދަ މަސް ފެށެންވާއިރަށް ބައެއް ގެތަކުގައި ވެލިލުން އެއީ އާންމު ކަމެކެވެ. ނަމަވެސް މިފަދަ ކަންކަމަށް ރަށްރަށުގެ ބައެއް ސަރަހައްދުތަކުން ވެލި ނެގުމުގެ ސަބަބުން، ބައެއް ރަށްރަށުން ރަށް ގިރުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވެއެވެ.