ދުބާއީ އިންޓަނޭޝަނަލް ހޯލީ ގްރުއާން މުބާރާތަށް ހޮވުނު އަހްމަދު ނަބީހް ދުބާއީއަށް ފުރައިފިއެވެ.

މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ މި އަހަރުގެ ރޯދަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް ދުބާއީގައެވެ.

ކީރިތި ގްރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ، މި މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރި ވާނެ ފަރާތެއް ހޯދުމަށް ހުޅުވާލުމުން ބައިވެރިވުމަށް އެދިފައިވަނީ 3 މީހެއް ކަމަށެވެ. އެ މީހުންގެ ތެރެއިން މުބާރާތުގައި ބައިވެރިވާން ހޮވުނު އަހްމަދު ނަބީހް މިއަދު ހެނދުނު ދުބާއީއަށް ފުރާފައި ވާ ކަމަށް އެ މަރުކަޒުން ބުނެއެވެ.

ހާފިޒް ކަމުގެ ސަނަދު ލިބިފައިވާ އަހްމަދު ނަބީހަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެކެވެ. އެހެންކަމުން އޭނާއާއެކު އެހީތެރިއެއްގެ ގޮތުގައި އޭނާގެ މަންމައާއި ދައްތަ މިދަތުރުގައި ބައިވެރިވާ ކަމަށް އެ މަރުކަޒުން ބުނެއެވެ.

ނަބީހަކީ ކީރިތި ގްރުއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ގައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހާސިލު ކޮށްފައިވާ މީހެކެވެ.