ބަރަކާތްތެރި ރޯދަމަހުގެ މަތިވެރި އަޅުކަމަށް ފެށެން ވަގުތު ކުޑަތަންވަމުން އަންނަ އިރު މިއަދު މުޅި ދުނިޔެއަށް އާންމު ވެފައިވާ އެއް ނުތަނަވަސް ކަމަކީ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ ދިއުމެވެ.
ރޯޓީ، ކަލްޗާ، އައިޝް ބަލާދީ… މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މުސްލިމުންގެ މެދުގައި އާންމުކޮށް ކައި އުޅޭ، ބޯ ރޮއްޓެއް ޒާތުގެ އެއްޗަކަށް ކިއާ ނަމެކެވެ.
ގޮދަނުން ތައްޔާރު ކޮށްފައި ވާ މި ބޯ ރޮއްޓަކީ ގިނަ ބައެއްގެ އާންމު ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެފައި ވާ އިރު، ކުރިއަށް އޮތް ރޯދަމަހު، މިފަދަ ރޮއްޓަކާ ނުލާ އުޅެވިދާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.
ރޯދަމަސް ފެށެން ދެތިން ދުވަހަށް ވެފައި ވާއިރު، 1443 ވަނަ އަހަރުގެ ރޯދަ މަހަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރެއިން ހިނދެމިލަން ލިބުނު މުނާސަބު ވަގުތުގައި ބައްދަލު ކުރާ އަޅުކަމުގެ މައްސަރަކަށް ވުމުން، މުސްލިމު އުއްމަތުގައި އޮތީ އުފާވެރިކަމެވެ. ބަލިމަޑުކަމުގެ ކުރިން، އިހު އުޅުނު ގޮތަށް މިސްކިތްތައް ޒިޔާރަތްކޮށް، އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމުގެ ރޫހު ދިޔައީ ތާޒާވަމުންނެވެ.
ނަމަވެސް، އެ އުޖާލާ މަންޒަރު ބަނަވާން ފެށީ، ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލެން ފެށި ހިސާބުންނެވެ. ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް ޔޫކްރައިންއަށް އަރާ، ރަޝިއާއިން ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުންނެވެ. ހަނގުރާމައަށް މަހެއް ވީ އިރު، ބާޒާރުގައި ތަކެތީގެ އަގު އުފުލިއްޖެއެވެ. އެންމެ ބޮޑު އަސަރެއް ކުރީ ޒަރޫރީ ތަކެއްޗަށޭވެސް ދެންނެވިދާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު، މައިގަނޑު ކާނާއެއްގެ ގޮތުގައި ބަރޯސާވެފައިވާ ގޮދަނުގެ އަގުވެސް މި ލިސްޓުގައި ހިމަނަންޖެހެއެވެ.
ރައްޔިތުންނަށް ހަގީގަތް ބަޔާން ކޮށްދެއްވަން ބޭނުންފުޅު ވާ ކަމަށް ވިދާޅުވެ، މިސްރުގެ ބޮޑުވަޒީރު މުސްތޮފާ މަދުބޫލީ ވިދާޅުވީ، ކުރިއަށް އޮތް ރޯދަމަހަކީ، ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގައި ވޭތުކުރި ދުވަސްތަކަށް ވުރެ ދަތި ދުވަސްތަކަކަށް ވާނެ ކަމަށެވެ.
މިސްރަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ގޮދަން ގަންނަ ގައުމެވެ. މިސްރުން ޑިމާންޑް ކުރާ ގޮދަނުގެ 3 ބައިކުޅަ 2 ބަޔަށް ވުރެ ބޮޑު ބައި ހިއްސާ ކުރަނީ ރަޝިއާއާއި ޔޫކްރައިނުންނެވެ. ފެބުރުއަރީ 24 އިން ފަށައިގެން ވަރުގަދަ ހަނގުރާމައެއް ކުރަމުންނ އަންނަ ދެ ގައުމެވެ.
ދުނިޔޭގެ ބާޒާރަށް ނެރޭ ގޮދަނުގެ ސަޕްލައިގެ 30 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާއާއި ޔޫކްރައިނުންނެވެ. ޔޫކްރައިންގެ ބަނދުރުތައް ބަންދުކޮށް، ދަހިލީ ބޭނުމަށް ސްޓޮކް ހިފަހައްޓާ، އެކްސްޕޯޓް މަޑޫޖައްސާލާފައި ވާ އިރު، ބައިނަލްއަގުވާމީ ބާޒާރުގައި ފުދޭ މިންވަރަށް ގޮދަނުގެ ސަޕްލައި ނެތް ކަމީ، ގަބޫލު ކުރަން ޖެހިފައި ވާ ހިތި ހަގީގަތެކެވެ.
ގޮދަން ލިބުން ދަތިވުމަކީ މިސްރުގެ މަގުތަކަށް އާންމުން ނެރޭ ވަރުގެ ހައްސާސީ މައްސަލައަކަށް ވާ އިރު، މިސްރުގެ ކޮންމެ ސަރުކާރަކުންވެސް ވަނީ ގޮދަނަށް ސަބްސިޑީޒް ދޫކޮށްފައެވެ. މިއަހަރުގެ، މިސްރުގެ ސަރުކާރުން ވަނީ ކާބޯތަކެތީގެ ސަބްސިޑީޒްއަށް 4.7 ބިލިއަން ޑޮލަރު ރައްކާ ކޮށްފައެވެ. އޭގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައި ހަރަދު ކުރާނީ ޕާނުގެ ސަބްސިޑީޒްއަށެވެ.
ގޮދަނާ ހިސާބުން މި ވާހަކަ ނިމޭކަށް ނެތެވެ. ޔޫކްރައިންއަކީ އެންމެ ފުޅާ ދާއިރައެއްގައި އިތުރު ގޮވާންތައް އެކްސްޕޯޓް ކުރަމުންދާ އެއް ގައުމެވެ. އަދި ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ފުޅާ ދާއިރާއެއްގައި ސަންފުލާވާ ތެޔޮވެސް އެކްސްޕޯޓް ކުރާ ގައުމެވެ.
ރަޝިއާއިން ކުރަމުން ދާ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުން ގުދުރަތީ ގޭހުގެ ސަޕްލައިވެސް ދަނީ ހީނަރު ވަމުންނެވެ. ރަޝިއާއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ގުދުރަތީ ގޭސް ސަޕްލައި ކުރާ ގައުމެވެ. ގުދުރަތީ ގޭހަކީ ގަހު ކާނާ އުފެއްދުމުގެ މުހިންމު ހިއްސާއަކަށް ވާ އިރު، ނުސީދާ ގޮތުން އެހެން ބާވަތްތަކުގެ ދަނޑުވެރި އުފެއްދުންތަކުގެ އަގު އުފުލިގެން ދިއުން އޮތީ މާ ދުރަކު ނޫނެވެ.
ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރި ކަމާ ބެހޭ އިދާރާ (އެފްއޭއޯ) އިން ހަބަރު ދޭ ގޮތުގައި، ދުނިޔޭގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް އުފުލިފައި ވާ މިންވަރަކީ 1974 ވަނަ އަހަރަށް ފަހު، މި އަގުތައް އުފުލުނު އެންމެ މަތީ މިންވަރެވެ.
ކާބޯތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހެނީ ފަގީރު ގޭބިސީތަކަށެވެ. ފަގީރު ގޭބިސީތަކަށް ލިބޭ އާމްދަނީގެ ބޮޑު ބަޔަކީ ކާބޯތަކެއްޗަށް ހޭދަ ކުރަން ޖެހިފައި އޮންނަ އެއްޗެކެވެ.
ތަރައްގީ ވަމުން އަންނަ އިގުތިސޯދުތަކާއި ކުރިއަރަމުން އަންނަ ބާޒާރުތަކަށްވެސް ސަލާމަތެއް ނެތެވެ. އެ ގައުމުތަކުގެ އިންފްލޭޝަން ރޭޓް ވަނީ 5 ޕަސެންޓަށް އުފުލިފައެވެ.
އިންފެލޭޝަންއަކީ ރިހޭ ފައި ނަމަ، އެ ފައިގެ މައްޗަށް އަނެއްކާ ފޮއިވެސް ވެއްޓިއްޖެއެވެ. ކޮރޯނާވައިރަސް ޑީޒިޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ޗައިނާގެ ސިނާއީ އުފެއްދުންތެރިކަން މަޑުޖައްސަން ފަށާފައި ވާއިރު، އެކަމުގެ އަސަރުވެސް ނުފޯރާ ނުދާނެ ކަން ގަބޫލު ކުރަން ޖެހެއެވެ.