މުޑުދާރު ކަންކަން އެމްޑީޕީގެ ތެރެއަށް މިހާރު ވަދެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިނު ބައްދަލުވުމެއް ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ބޭއްވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

ހަސަން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުތަކުގައި ކުރެއްވެވި މުޑުދާރު ކަންކަން މިއަދު އެމްޑީޕީގެ ތެރެއަށް ވަދެއްޖެ ކަމަށާއި އެގޮތުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން މުވައްޒަފުންނަށް މަޖުބޫރު ކުރުވަން ފަށާފައިވާ ކަމަށެވެ.

ހަސަން ވަނީ އެކަންކަން ހުއްޓުވައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އަނަސް އަބްދުއްސައްތާރުގެ ކިބައިން އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. ހަސަން ހުންނެވީ އިންތި ފަޅީގައެވެ.