މީީގެ 10 އަހަރު ކުރިން ވިލިމާލޭގައި ހަމަލާދީ އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އަބްދުﷲ ނަޒީފަށް، މިރުޒާގެ އާއިލާ އިން މާފު ދީފިއެވެ.

2011 ވަނަ އަހަރު ހަމަލާދީ ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާ މަރާލި މައްސާލާގައި ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފްގެ އިތުރުން ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު މެރުމަށް ކްރިމިނަލް ކޯޓުން އޮތީ ހުކުމް ކޮށްފައެވެ. އެއީ މިރުޒާގެ ހުރިހާ ވާރިސުން އެގޮތަށް ބޭނުންވުމުންނެވެ.

ނަޒީފަށް މާފުކުރި ކަމަށް ބުނެ މިރުޒާގެ ބައްޕަގެ ފަރާތުން ސިޓީއެއް ލިބިފައިވާތީ މިރުޒާގެ ވާރިސުން މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައި ވާއިރު މިރުޒާގެ ބައްޕަ ވަނީ ނަޒީފްގެ ފަރާތުން އޭނާއާ ބައްދަލުކޮށް، އެ ގޮތަށް އެދުމުން މާފުކޮށްފައިވާ ކަމަށް ބުނެފައެވެ.

މިރުޒާގެ ބައްޕަގެ އިތުރުން، މިރުޒާ ވާރިސުންގެ ގޮތުގައި ދެން ތިބި ތިން މީހުން ވެސް ވަނީ ނަޒީފަށް މާފު ދީފައެވެ.

ފަނޑިޔާރުންގެ ބެންޗުން މާފު ދިނުމަށް އެއްވެސް ބިރެއް ދެއްކިތޯ ސުވާލުކުރުމަށް މިރުޒާގެ ބައްޕަ ވަނީ އެއްވެސް ބިރެއް ދައްކާފައި ނުވާ ކަމަށް ބުނެފައެވެ. އަދި ނަޒީފަށް މާފު ދިނުމުގެ ކުރިން ދީނީ އިލްމުވެރިއެއްގެ ލަފާ ހޯދި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބެންޗުން ނަޒީފްގެ ފަރާތުން މާފަށް އެދުނިންތޯ ސުވާލުކުރުމުން ނަޒީފްގެ ވަކީލް ވަނީ އޭނާ ކުށަށް އިންކާރު ކުރިޔަސް، ނަޒީފްގެ އާއިލާ އާއި ރަހުމަތްތެރިން އަމިއްލަ އަށް އިސްނަގައިގެން މިރުޒާގެ އާއިލާއާ ވާހަކަ ދެއްކި ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އިންސާނެއްގެ ފުރާނަ ގެއްލިފައިވާތީ އެކަމާ މެދު ނަޒީފް ވެސް ހިތާމަކުރާ ކަމަށް އެނާގެ ވަކީލް ވަނީ ވިދާޅުވެފައެވެ.