މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "ނޭވާހޮޅިއަށް" ނަމުގައި ބޭއްވި އެއްވުން ބާއްވާނެ ކަމަށް އިދިކޮޅުން ބުނި ބުނުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނަށާއި އެ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގަށް، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ރައްދު ދެއްވައިފިއެވެ.

"އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން ބޭއްވި އެ އެއްވުން ބާއްވާނެ ކަމަށް އިދިކޮޅުން ބުނުމުން އީސީން ނެރުނު ބަޔާނުގައި ވަނީ ސަރުކާރުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ސިޔާސީ ޕާޓީތަކުން ބޯލެނބުމަށާއި، ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކަށާއި ގުޅުންތަކަށް އިހްތިރާމް ކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން، ސިޔާސީ ހަރަކާތްތައް ހިންގުމަށް ޕާޓީތަކަށް މަގުފަހިކޮށްދީފައި ވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވައިދާއި، ރާއްޖޭގައި އަމަލުކުރަމުންދާ އެހެން ގާނޫނުތަކަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށްވެސް އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީއެއް ނުވަތަ ޕާޓީތައް ހެދުމުގެ ބޭނުމަކީ ޑިމޮކްރަޓިކް ވެރިކަމެއްގައި ސަރުކާރު ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުން ކަމަށާއި، އެއީ ރައްޔިތުންގެ ފަރާތުންވެސް ލާޒިމް ކޮށްފައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން، އިދިކޮޅުން ހިޔާލު ފާޅުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގާ ބެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ގޮތުގައި ފުވާދު ހުންނެވިއެއް ކަމަކު، އެ ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރުގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އުޅުއްވި ގޮތަށް އުޅުއްވައިގެން ނުވާނެ ކަމަށް ވިދާޅުވެ، ޝަރީފަށްވެސް ޔާމީން ވަނީ ބަހުގެ ހަމަލައެއް ރައްދު ކުރައްވާފައެވެ.

"އީސީގައި ހުންނެވިޔަސް ފުވާދު އީސީ ޝަރީފް އުޅުއްވި ގޮތަށް އުޅުއްވާކަށް ނުޖެހޭ." ޔާމީން ވިދާޅުވިއެވެ.

"އެއަށްވުރެ އަޅުގަނޑުމެން އިހްތިރާމް ކުރަން ފުވާދަށް. އެހެންވީމަ ފުވާދަށް ދަންނަވާލަން ހަމަ ބޭނުންވަނީ "ބަޓް އައުޓް." މީގެ ތެރޭ ނޫޅުއްވާށޭ."
އަބްދުالله ޔާމީން / ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު

ހަމަ އެއާއެކު، އިދިކޮޅުން ހިންގާ ހަރަކާތްތަކަށް އިދިކޮޅުން ޒިންމާ ނަގާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި، ޑިމޮކްރަޓިކް ގައުމުތަކުގައިވެސް ކަންކުރާ ގޮތަކީ ވެރިކަމުގައި ތިބި ބައެއްގެ ހާރިޖީ ސިޔާސަތުތަކަށް އިދިކޮޅުން ފާޑުކިއުމެވެ. ހަމަ އެހެންމެ އާންމު ރައްޔިތުންގެ ދިރިއުޅުމަށް އުނދަގޫ ވަންޏާ އާންމުންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް ވަކާލާތު ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގައި ހާރިޖީ ސިޔާސަތުތަކަށް ފާޑުކިޔުން މައްސަލައަކަށް ވަނީ ކީއްވެތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.

"އެހެންވީމަ ދިވެހިރާއްޖޭގަ މިކަން ނުކުރާންވީ ކީއްވެގެންތޯ؟ ދިވެހިރާއްޖޭގަ މިކަން ކުރުމުގެ ސުންނަތް އެބައޮތް ނޫންތޯ ރައީސް ނަޝީދު ގާއިމްކުރައްވާފަ؟"
އަބްދުالله ޔާމީން / ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު

ރޭގެ ޖަލްސާގައި ޔާމީން ވާހަކަފުޅު ދެއްކެވިއިރު، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންވެސް ރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ. ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ޣައްސާން ހައްޔަރުކުރި ނަމަވެސް، އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ޝަރުތުތަކާއެކު އޭނާ އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދޫކޮށްލާފައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ޔާމީން ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. އިދިކޮޅުން ބުނިގޮތުގައި ޔާމީނަށް ބައިވެރިވެވަޑައި ނުގަނެވުނީ އެމަނިކުފާނުގެ ސެކިއުރިޓީން ހުއްދަ ނުދިނުމުންނެވެ.