ވައުދުވި ގޮތާ އެއްގޮތަށް އެއްވުމުގެ ގާނޫނަށް ގެނައި ބަދަލު އަވަހަށް އުވާލަދޭން އެމްއާރްއެމް އިން ގޮވާލައިފިއެވެ.

އެމްއާރްއެމްއިން ބުނީ އެއްވެއުޅުމުގެ ގާނޫނުން ލިބިދޭ ހައްގުތައް ހަނިކޮށް ކުރީ ސަރުކާރުން 2016 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލު އުވާލުމަކީ މި ސަރުކާރު ކޯލިޝަނުން އެއްބަސްވެފައިވާ ކަމެއް ކަމަށާއި އެއީ ރައްޔިތުންނަށް ވެފައިވާ ވައުދެއް ކަމަށެވެ. އަދި އެކަން އަވަސް ކުރުމަށް އެ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ވަނީ ގޮވާލާފައެވެ.

އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބާއްވާ "ނޭވާހޮޅިއަށް" ނަމުގައި ބާއްވާ އިހުތިޖާޖުގައި ބައިވެރިނުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. ފުލުހުން ވަނީ އެ އެއްވުމުގައި ބައިވެރިވެ، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުތައް ދީފައެވެ.

ފުލުހުން ވަނީ އެ އެއްވުމާ ގުޅުވައި ގިނަ ތުހުމަތުތަކެއްވެސް ކޮށްފައެވެ. އެގޮތުން އެ އެއްވުމުގައި ބައިވެރިވުމަށް، ރަށްރަށުން މީހުން ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އަދި ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކް ކޮށް ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ހިދުމަތްތަކަށް ހުރަސް އެޅޭ ގޮތަށް ކަންތައްތައް ކުރުމަށް ރާވަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކުން ރާވަމުންދާ ކަމަށްވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން އެމްއާރްއެމް އިން ބުނީ މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ އެ ޕާޓީން ބަލައި ނުގަންނާނެ ކަމެއް ކަމަށާއި އެ ޕާޓީ އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.