މިފެށޭ ރޯދަ މަހު ސްކޫލްތަކުގައި ކިޔަވައި ދޭނީ ގިނަވެގެން ތިން ގަޑިއިރަށް ކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
މިނިސްޓަރު، ޑރ. އައިޝަތު އަލީ ސޮއި ކުރައްވައި މި މަހުގެ ހަތް ވަނަ ދުވަހު ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގައި ބުނާ ގޮތުގައި، އަންނަ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ސްކޫލްތަކުގައި ކިޔަވައި ދޭނީ ރޯދަ މަހުގެ ގަޑިތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން އެއް ދަންފަޅީގެ ސްކޫލްތަކުގެ ކިޔެވުން ފަށަން ޖެހޭނީ ހެނދުނު 8:30 އިން 9:00 އާ ދެމެދު ކަަމަށާއި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ކިޔެވުން ފަށަންވާނީ ހެނދުނު 8:30 އިން ހަވީރު 3:00 އާ ދެމެދު ކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ.
އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައި ދޭނީ ދޮޅު ގަޑިއިރު ކަމަށް ބުނެފައި ވެއެވެ. އަދި ގްރޭޑު 1 އިން 6 އާ ދެމެދުގެ ދަރިވަރުންނަށް ދެ ގަޑިއިރާ 30 މިނެޓު އަދި ގްރޭޑް 7 އިން 12 އާ ދެމެދުގެ ދަރިވަރުންނަށް ތިން ގަޑިއިރު ކިޔަވައިދޭން ވާނެ ކަމަށް އެ ސާކިއުލާގައި ބުނެއެވެ.
ރޯދަ މަހު ކިޔަވައިދޭ ވަގުތުތައް މަދުވުމުން، މާއްދާތައް ނަގައިދޭ ދިގުމިން 30-45 މިނެޓަށް ފައްތަން އުސޫލުގައި ބުނެފައި ވެއެވެ. އަދި ރޯދަ މަހުގެ އެކި މާއްދާތައް ކިޔަވައި ދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވާލާ އިރު މަދުވެގެން ދެ ހަފްތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސަން ވެސް ސާކިއުލާގައި އެދިފައި ވެއެވެ.
މީގެ އިތުރުން ދަންފަޅިތައް ރާވާއިރު، ޓީޗަރުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށް ވުރެ ދިގުނުވާނެ ގޮތަށް ހަމަޖެއްސުމަށާއި، ހަވީރު 4:00 އިން ރޭގަނޑު 9:00 އާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ނުރޭވުމަށާއި، މެންދުރު ފަހުގެ ދަންފަޅި ވީހާ ވެސް އަވަހަކަށް ނިންމައި ޓީޗަރުންނާއި ދަރިވަރުން ގެއަށް ދެވޭނެ ގޮތަށް ހަމަޖެއްސުމަށް ވެސް އެ ސާކިއުލާގައި އެދިފައި ވެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ ދެ ވަނަ ދުވަހެވެ. ރޯދަ މަސް ފެށެން ކުޑަތަން ވެފައިވާ އިރު، ސްކޫލްތަކުން މި މަސް ފެށުނީއްސުރެ ސިލަބަސް ކަވާ ކުރުމަށް އިތުރު ގަޑީގެ ކްލާސްތައް އަންނަނީ ނަގަމުންނެވެ.