އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް އެދި ކައުންސިލްތަކާއި ޖަމިއްޔާތަކުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފް ކުރި 'ހައުސިން ގްރާންޓް' ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާން އޮތީ ބާކީ 8 ދުވަސް ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް އެ ބޭންކުން ތައާރަފް ކުރި ހައުސިން ގްރާންޓަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

އެހީއަށް ބޭނުންވެފައިވާ އާއިލާތައް ނޮމިނޭޓްކޮށް މި ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށެވެ. މި ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅެމުންދާ ގެ އިމާރާތްކޮށް ފަރުނީޗަރު ހިމެނުމުގެ ހަރަދުތައް ބޭންކުން ހަމަޖައްސައި ދޭނެއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ހައުސިން ގްރާންޓް މެދުވެރިކޮށް ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ. ބޭންކްގެ އުއްމީދަކީ ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން މިފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި ބައިވެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 12:00ގެ ކުރިން ހައުސިން ގްރާންޓް ފަންޑަށް އެދި ހުށަހަޅާ ނަމަ، މި އީމެއިލް އަށް އެޕްލިކޭޝަން ފިނުވޭނެއެވެ. އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.

ހައުސިންގ ގްރާންޓަކީ މިއަހަރުގެ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.