ޕޮންޒީ ފަންޑު ހިންގާތީ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓް ބީއެމްއެލުން ފްރީޒްކުރުމުން، އަލްހާންގެ ކިންގްސް ކެޕިޓަލް ހޯލްޑިންސް ކުންފުނީގެ ފަރާތުން ބީއެމްއެލާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕޮންޒީ ސްކީމަކީ ކުރު މުއްދަތެއްގައި ބޮޑު އަދަދަކަށް ފައިދާ ލިބޭނެ ކަމަށް ބުނެ މީހުންގެ އަތުން އިންވެސްޓު ކުރުމުގެ ނަމުގައި ފައިސާ ހޯދުމަށް ކުރާ ކަމެކެވެ. މިފަދަ ސްކީމްތަކުގައި ފައިސާ ދެނީ އަލަށް ބައިވެރިވާ މީހުން ދޭ ފައިސާއިންނެވެ. އެ މައްސަލާގައި އަލްހާންގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ ފަރާތުން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އެއީ އެ ކުންފުނިން ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓް ގާނޫނީ އެއްވެސް ސަބަބެއް ނެތި ފްރީޒްކޮށް، އެ އެކައުންޓުގައިވާ ފައިސާ ހިފަހައްޓާފައިވާތީވެ، އެކައުންޓް އަންފްރީޒްކޮށްދިނުމަށާއި، އެ އެކައުންޓް ފްރީޒްކުރުމަށް ފަހު އަންފްރީޒް ކުރުމާ ހަމައަށް އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް ބީއެމްއެލާ ދެކޮޅަށް މައްސަލަ ހުށަހަޅާ ކަމަށެވެ.

އެކައުންޓް ފްރީޒް ކުރިކަން ހާމަކޮށް ކިންގްސް ފޮރެކްސްގެ ޓެލެގްރާމް ގްރޫޕުގައި މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން، އެކަން ކުރި ވަކި ސަބަބެއް ބީއެމްއެލުން އަންގައިފައި ނުވެއެވެ. އަދި އެކައުންޓް ފްރީޒް ކުރި ނަމަވެސް މިއަދާ ހަމައަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިމިފައިވެއެވެ.

ކިންގްސް ފޮރެކްސްއިން ބުނެފައިވާ ގޮތުން، އެމްއެމްއޭއިން ފްރޯޑުގެ ތުހުމަތު ކުރަނީ އެ ކުންފުންޏަށެވެ. އަދި ނުސީދާކޮށް އެ ކުންފުންޏާ ގުޅޭގޮތުން ނެރުނު ބަޔާނަކީ ކުންފުނީގެ އަގުވައްޓާލައި އިތުބާރު ގެއްލޭ ގޮތަށް ނެރުު ބަޔާނެއް ކަމަށް އެ ކުންފުނިިން އޭރު ބުންޏެވެ.

އަލްހާން ހިންގާ ސްކީމާ ގުޅިގެން، ފުލުހުން ވަނީ އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފައެވެ.