ކޮމިއުނިކޭޝަން މިނިސްޓްރީން 2019 ވަނަ އަހަރުގެ މާލީ މުއާމަލާތްތަކުގެ ތެރެއިން އޭރު މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލުގެ ކޮޓަރި ހެދުމަށް 8 ލައްކައާ ގާތަށް ހަރަދު ކުރި މައްސަލައެއް ފާހަގަ ވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި އޮދީޓް ރިޕޯޓުގައި ބުނެފައި ވަނީ މިނިސްޓްރީ ހިންގާ އިމާރާތުގެ ބީ. ބްލޮކް ރިލޮކޭޓްކުރުމުގެ މަސައްކަތުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި މިނިސްޓަރުގެ ކޮޓަރި ބްލޮކް-ބީ އަށް ބަދަލު ކުރަން ޖުމްލަ 795,000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ޑިސެމްބަރު 15، 2019 ގައި އަމިއްލަފަރާތަކާ ހަވާލުކޮށްފައި ވާއިރު، އެ މަސައްކަތާ ގުޅޭ ބައެއް ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަން ފާހަގަ ކުރެވުނު ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.

ކޮޓަރި ހަދަން މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންކަން:

  1. މަސައްކަތް ލަސްވުމުން ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކޮށްފައި ނުވުން
  2. ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވުން
  3. އެގްރީމެންޓު ކޮށްފައިވާ މަސައްކަތާ ގުޅުމެއް ނެތް ކަމެއް އިތުރު މަސައްކަތުގެ ގޮތުގައި ހަވާލުކޮށްފައިވުން

މަސައްކަތް ލަސްވުމުން ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކޮށްފައި ނުވާ މައްސަލައިގައި އޮޑީޓް ރިޕޯޓުގައި ބުނީ، މިނިސްޓަރުގެ ކޮޓަރީގެ އިންޓީރިއާ ޑިޒައިނެއް ތައްޔާރުކޮށް އެ ޑިޒައިނާ އެއްގޮތަށް ބްލޮކްބީ ރިލޮކޭޓް ކުރުމަށް އެކުލަވާލި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 25 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ މުއްދަތު ހަމަވާ ތާރީހަކީ އޮކްޓޫބަރު 10، 2019 ކަމަށާއި ނަމަވެސް އެއްބަސްވުމުގައިވާ ތާރީހަށް މަސައްކަތް ނިމިފައި ނުވާ އިރު، މުއްދަތު އިތުރުކޮށް ދިނުމަށް މަސައްކަތްކުރާ ފަރާތުން އެދިފައިވާކަން އެނގެން ނެތް ކަމަށެވެ. އެގޮތުން އެ މަސައްކަތް ނިމިފައި ވަނީ އޮކްޓޫބަރު 5، 2020 ގައި ކަން ލިޔެކިއުންތަކުން އެނގެން އޮތް ކަމަށް އެ ރިޕޯޓްގައި ވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.71 ގައި ވާ ގޮތުގައި، އެގްރިމަންޓްކޮށްގެން ހަވާލުކުރާ މަސައްކަތް ލަސްވަމުންދާ ނަމަ އެ ލަސްވާ ލަސްވުމުން، އެކަމެއް ހަވާލުކުރި ފަރާތަށް، ލިބޭ ގެއްލުމުގެ އަގު (ލިކުއިޑޭޓެޑް ޑެމޭޖަސް) އެކަމެއް ހަވާލުވި ފަރާތުން ދޭންޖެހޭނެ ކަމަށާއި މިގޮތުން ލަސްވުމުގެ އަގަށް ދޭންޖެހޭވަރު މުޅި ކޮންޓްރެކްޓުގެ އަގުގެ 15 ޕަސެންޓަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށެވެ. އަދިމި މަސައްކަތުގެ އެއްބަސްވުމުގައި ވެސް މަސައްކަތް ނުނިމި ލަސްވަމުންދާ ނަމަ މަސައްކަތް ނުނިމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު މަސައްކަތް ކުރާފަރާތުން، ދައްކަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިމިފައިނުވާ އިރު، ލިބޭ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އަގަށްވާ ޖުމްލަ 119,250 ރުފިޔާ އުނިކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.

މީގެ އިތުރުން، ލިކުއިޓޭޑެޓް ޑެމޭޖަސް އުނިކޮށްފައި ނުވާ މައްސަލަ، ސެޕްޓެންބަރު 10، 2020 ވަނަ ދުވަހު އޮޑިޓަރުން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން، މިނިސްޓްރީން ވަނީ 9,834 ރުފިޔާ ލިކިއުޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކޮށްފައި ކަމަށާއ ލިކުއިޓޭޑެޓް ޑެމޭޖަސް ގޮތުގައި ކަނޑާފައިވާ 9,834 ރުފިޔާ އަކީ ލިކުއުޑޭޓެޑް ޑެމޭޖަސް ގޮތުގައި ހަގީގަތުގައި ކަނޑަންޖެހޭ އަދަދު ނޫންކަމަށް އެ އޮޑިޓުގައި ބުނެއެވެ.

ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވާ މައްސަލައިގައި އެ ރިޕޯޓުގައި ބުނެފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 10.68 ވަނަ މާއްދާގެ (ހ) ގައި، ކުރުވާ މަސައްކަތާއި ހޯދާ ހިދުމަތުގެ ޖުމުލަ އަގު 250,000 ރުފިޔާއަށް ވުރެ ބޮޑުނަމަ، ހުށަހަޅާ ކޮންމެ ބިލަކުން، ބިމުގެ ޖުމުލަ އަގުގެ 5 ޕަސެންޓް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަންވާނެ ކަމަށެވެ. ނަމަވެސް، މި މަސައްކަތާ ގުޅިގެން ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދައްކާފައިވާ އިރު، ރިޓެންޝަން ފައިސާ އުނިކޮށްފައެއް ނުވެއެވެ.

އެގްރީމެންޓު ކޮށްފައިވާ މަސައްކަތާ ގުޅުމެއް ނެތް ކަމެއް އިތުރު މަސައްކަތުގެ ގޮތުގައި ޙަވާލުކޮށްފައިވާ މައްސަލައިގައި އެ ރިޕޯޓުގައި ބުނެފައި ވަނީ، މިނިސްޓަރުގެ ކޮޓަރި ރިނޮވޭޓު ކުރުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް، އެ މަސައްކަތުގެ ސްކޯޕުގެ ތެރޭގައި ނުހިމެނޭ އިތުރު މަސައްކަތެއް، އިއުލާނު ނުކޮށް ހަމަ އެ ފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފުރަތަމަ މަސައްކަތުގެ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެހެންކަމުން، އިތުރު މަސައްކަތުގެ ގޮތުގައި މިނިސްޓަރުގެ ކޮޓަރީގައި ހުރި ގޮތަށް، ވޯކްވޭ ދެފަރާތުގައި ގުރޫ ކަނޑާ ފިލާ ޖެހުމުގެ މަސައްކަތް ޖުމްލަ 103,880 ރުފިޔާއަށް، އޮކްޓޯބަރު 17، 2019 ވަނަ ދުވަހު ހަވާލުކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 10.31 ވަނަ މާއްދާގެ (ހ) ގައިވާގޮތަށް އާންމުކޮށް އިއުލާނުކޮށްގެން ނޫން ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

އޮޑީޓް އޮފީހުން ބުނީ މި މައްސަލަތަކާ ގުޅިގެން އިސްލާހު ކުރަން ލަފާ ދީފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 10.55 ގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ ނުވަތަ އެއްބަސްވުން އުވާލަން ޖެހިއްޖެ ނަމަ، އެ އޮފީހަކާ ބެހޭ މަސްއޫލު އޮފީހުގެ އެންމެ އިސްފަރާތުގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށެވެ.

ހަމައެއާއެކު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް، އެގްރިމަންޓްކޮށްގެން ހަވާލު ކުރާ މަސައްކަތް ލަސްވަމުންދާ ނަމަ އެ ލަސްވާ ލަސްވުމުން، އެކަމެއް ހަވާލުކުރި ފަރާތަށް، ލިބޭ ގެއްލުމުގެ އަގު ހޯދުމަށާއި، ކުރުވާ މަސައްކަތާއި ހޯދާ ހިދުމަތުގެ ޖުމުލަ އަގު 250,000 ރުފިޔާ އަށްވުރެ ބޮޑުނަމަ، ހުށަހަޅާ ކޮންމެ ބިލަކުން، ބިލުގެ ޖުމުލަ އަގުގެ 5 ޕަސެންޓް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަންވާނެ ކަމަށް އޮޑީތުން ދިން ލަފާގައި ހިމެނެއެވެ. މީގެ އިތުރުން ތަކެތި ގަތުމާއި މަސައްކަތް ކުރުވުމާއި ހިދުމަތް ހޯދުމުގެ ޕްރޮޖެކްޓްތަކުގެ އަގު 35,000 (ރުފިޔާ އިން ފެށިގެން 2,500,000 ރުފިޔާއަށް ވުރެ ބޮޑު ނުވާނަމަ އާންމުކޮށް އިއުލާނު ކޮށްގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ލަފާ ދީފައެވެ.