2012 ވަނަ އަހަރު އެމްޓީސީސީގެ ފެރީގެ ހިދުމަތުގައި ބޭނުންކުރާ އެކްސްޕްރެސް ލޯންޗެއް އެހެން ލޯންޗެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި މީހަކު މަރުވި ހާދިސާގައި ދައުވާ ލިބުނު އެމްޓީސީސީ ލޯންޗުގެ ކައްޕިގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ޑިސެމްބަރު 2، 2012 ވަނަ ދުވަހުގެ ރޭ 8:15 ހާއިރު އެމްޓީސީސީގެ އެކްސްޕްރެސް ލޯންޗް "ގާދޫނި" ހުޅުމާލެއިން މާލެއަށް ކުރި ދަތުރެއްގައި ދޫނިދޫ ކައިރިން "އޯކިޑް 31" ލޯންޗުގައި ޖެހި ހިނގި އެކްސިޑެންޓަގއި ވަނީ އޯކިޑް 31 ލޯންޗުގައި އިން ފިންލެންޑް މީހެއް ކަމަށްވާ ޖުހާ ޓަޕަނީ ޕަޓީލާ މަރުވެފައެވެ. އެހެންކަމުން "ގާދޫނި" ލޯންޗް ދުއްވަން އިން އަބްދުލްވާހިދު އާދަމްގެ މައްޗަށް ދައުވާ ކުރީ އޭރުގެ ގާނޫނުލްއުގޫބާތުގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.
އޭރު އަމަލުކުރި ގާނުނުލްއުގޫބާތުގައި އެންމެ އާންމުކޮށް ދައުވާކުރި އެއް މާއްދާ ކަމަށްވާ 88ގެ ހ. ގެ ދަށުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވެއްޖެ ނަމަ ދެ ގޮތަކަށް އަދަބު ކަނޑައެޅެ އެވެ. އެއީ މީހެއްގެ ހަށިގަނޑަށް، މިލްކަކަށް ނުވަތަ ހިއްސަކަށް ގެއްލުމެއް އުނިކަމެއް ލިބިއްޖެ ނަމަ، ގިނަވެގެން އެއް އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން. ނުވަތަ ގިނަވެގެން 250 ރުފިޔާއިން ޖޫރިމަނާކުރުމާއި، އެފަދަ ކުށެއްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބެއް ދިނުމެވެ.
މި ދައުވާ އަށް އަބްދުލްވާހިދުގެ ވަނީ އިންކާރުކޮށްފައެވެ. އަދި ޝަރުއީ ގޮތުން ނުކިޔަމަންތެރިވީ ކޮން އަމުރަކަށް ކަން ސާފުކޮށްދިނުމަސް އޭނާގެ ފަރާތުން ވަނީ އެދިފައެވެ.
މި ވާހަކަތަކަށް ރައްދު ދެމުން ދައުލަތުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑުގައި ދަތުރުފަތުރު ކުރުމުގެ އުޅަނދުފަހަރާ ގަވައިދުގައި، ހުޅުލޭ އުތުރު ކަނުން ފެށިގެން ދޫނިދޫގެ އުތުރު ކަނުން ވިލިމާލޭގެ އުތުރު ކަނަށް، އަދި ވިލިމާލޭގެ ދެކުނު ކަނުން ފެށިގެން މާލޭގެ ދެކުނު ފަރާތަށް ގޮސް ހުޅުލޭ އިރު ދެކުނު ކަނާ ހަމަޔަށް އޮންނަ ސަރަހައްދުގައި ރޭގަނޑު 6:30 އިން ފަތިހު 5:30 އާ ދެމެދު ދުއްވަން ޖެހޭނީ 10 މޭލަށް ވުރެ މަޑުން ކަމަށް އޮންނަ ކަމަށެވެ. އެހެންކަމުން އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބެލެވެނީ، އެ ސަރަހއްދުގައި އެ ލޯންޗް ދުއްވީ 15-16 ނޯޓިކަލް މޭލު ބާރުމިނުގައި ކަމަށް އަބްދުލްވާހިދު ތަހުގީގުގައި ބުނެފައި އޮތުމުން ކަމަށް ދައުލަތުން ބުނެއެވެ.
ހުކުމުގައި ބުނެފައި ވަނީ އެކްސިޑެންޓުގައި ހިމެނުނު އޯކިޑް ލޯންޗު ވެސް، އެމްޓީސީސީގެ ލޯންޗުން ނައްޓާފައި ދާންވެގެން ބާރަށް ދުއްވިކަން އޯކިޑް ލޯންޗްގެ ކައްޕީގެ ހެކި ބަހުން އެނގޭ ކަމަށެވެ. އަދި އެމްޓީސީސީގެ ލޯންޗް ބަލަންވާ ވަރަށް ނުބަލައި ބާރު ސްޕީޑުގައި ދުއްވިކަން ސާބިތުކޮށްދޭން ދައުލަތުން ހުށަހެޅި ހެކިން އެކަން ސާބިތު ނުވާ ކަމަށެވެ.
ޝަރީއަތުގައި، ދައުވާ ލިބުނު ފަރާތުންނާއި ދައުލަތުން ވެސް ގިނަ އަދަދެއްގެ މީހުންނާއި ކިތާބީ ހެކި ހުށަހެޅި ނަމަވެސް ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައި ވަނީ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރުމަށް ގާނޫނުއަސާސީގައި ބުނާ މިންވަރަށް ޝަރީއަތަށް ދައުވާ ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންވެ އަބްދުލްވާހިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅީ އެވެ.