ކ. ގާފަރުގައި ހިންގަމުންދާ ގެސްޓްހައުސެއްގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި އަންހެން މީހާގެ ހަށިގަނޑު މާލެއަށް މިއަދު ގެނެސްފިއެވެ.

ގާފަރުގެ ގެސްޓްހައުސެއްގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އއ. ބޮޑުފުޅަދުއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ އާމިނަތު ނާޖިލާ ލުތުފީއެވެ.

ގާފަރު ހެލްތު ސެންޓަރުން 'ދަ ޕްރެސް' އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ނާޖިލާގެ ހަށިގަނޑުގައި ލެޔާއި ޒަހަމްތައް ހުއްޓެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ އިތުރު ތަފްސީލެއް އެ ސެންޓަރުން ހާމަކޮށްފައެއް ނުވެއެވެ.

އެ ރަށުގެ ކައުންސިލުން މީޑިއާތަކަށް ބުނެފައި ވަނީ، ނާޖިލާގެ ހަށިގަނޑު ރޭ ފަތިހު 4:30 ގައި މާލެއަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ޒަހަމްތައް ހުރިކަމަށް ފާހަގަވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އެ ހާދިސާ އާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަނުކޮށް ބުނީ އެއީ އުމުރުން 27 އަހަރުގެ މީހެއް ކަމަށެވެ.