އަވަށްޓެރި ސްރީލަންކާގައި ކުރާ ރޭލުދަތުރުތަކުގެ ޓިކެޓް، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އޮންލައިންކޮށް ބުކް ކުރެވޭނެ ވެބްސައިޓަކާއި މޯބައިލް އެޕްލިކޭޝަނެއް، އެ ގައުމުގައި ފުރަތަމަ ފަހަރަށް ތައާރަފު ކޮށްފިއެވެ.

ރޭލު ދަތުރު ކުރުމަށް ބޭނުން ވާ ޓިކެޓް، އޮންލައިން ކޮށް ބުކް ކުރުމަށް ހާއްސަކޮށްގެން ތައްޔާރު ކޮށްފައި ވާ ވެބްސައިޓާއި އެޕްލިކޭޝަން ލޯންޗް ކޮށްދެއްވީ، ސްރީލަންކާގެ ދަތުރުފަތުރާ ބެހޭ ވަޒީރު ޑިލަމް އަމުނުގަމާއެވެ.

ލަންކާގެ ހުރިހާ ހިސާބެއްގައި ކުރާ ރޭލު ދަތުރުތަކުގެ ޓިކެޓް ހޯދުމަށް، މި ރިޒަވޭޝަން ސިސްޓަމް ބޭނުން ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ސިސްޓަމް ފަރުމާ ކޮށްފައި ވަނީ ރޭލު ދަތުރުގެ ޓިކެޓް ދޫކުރުމުގެ އިތުރުން ރޭލު ލައިސަންސްއާއި ހުއްދަވެސް ދޫކުރެވޭ ފަދަ ގޮތަކަށެވެ. ސްރީލަންކާގެ ރޭލު ދަތުރުފަތުރުގެ ޓިކެޓާ ގުޅޭ ހުރިހާ ކަމެއް މިހާރު ވަނީ ޑިޖިޓަލައިޒް ކޮށްފައެވެ.

އޮންލައިން ކޮށް ޓިކެޓް ރިޒާވްވެސް ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ވިސާއާއި މާސްޓާކާޑް އަދި ލަންކާ ކިއުއާރް ބޭނުން ކޮށްގެން ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މި ނިޒާމުގެ ތެރެއިން ޓިކެޓް ނަގާ ފަރާތްތަކުން ސްޓޭޝަނަށް ހާޒިރުވާއިރު ގައުމީ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ގެންދަން ޖެހެއެވެ.

ކިއުއާރް ކޯޑްގެ އެހީގައި އޮންލައިން ޓިކެޓް ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ވަރަކަށް، ކަރުދާހު ޓިކެޓަށް ބަރޯސާވުން ކުޑަ ކުރެވިގެން ދާނެ ކަމަށް ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ރެއިލްވޭޒްއިން މައުލޫމާތު ދެއެވެ.

މި ދަނޑިވަޅަކީ އިގުތިސޯދީ އަދި މާލީ ގޮތުން ސްރީލަންކާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާ ދަނޑިވަޅަކަށް ވާއިރު، ކަރުދާސް ލިބުން ދަތިވެގެން އިމްތިހާންތަކެއްވެސް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. މި ހީނަރުކަމުން އަރައިގަތުމަށް އެ ގައުމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.