އިގުތިސޯދީ އަދި މާލީ ކާރިސާގެ ސަބަބުން ހަކަތައަށް ޖެހިފައި ވާ ސްރީލަންކާގެ ހަކަތައާ ބެހޭ ވަޒީރު، ގާމިނީ ލޮކުގޭގެ ޑްރައިވަރަށް ތޫނު އެއްޗަކުން ހަމަލާ ދީ، މަރާލައިފިއެވެ.

ސްރީލަންކާގެ ހަކަތައާ ބެހޭ ވަޒީރުގެ ޑްރައިވަރު، އީޕަސިންގޭގެ ކަނިޝްކާ،41، މަރާލަފައި ވަނީ ޕިލިޔަންޑަލާގައި ހުންނަ އޭނާގެ ގޭގެ ކުރިމަތީގައި ކަމަށް މައުލޫމާތު ލިބެއެވެ. ޑްރައިވަރަށް ހަމަލާ ދިނީ ސައިކަލެއްގައި އައި މީހެއް ކަމަށް ފުލުހުންނާ ހަވާލާދީ، ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ހަކަތައާ ބެހޭ ވަޒީރުގެ ޑްރައިވަރަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ 2 މީހުންގެ މެދުގައި ހިނގި ޒުވާބަކަށް ފަހުގައި ކަމަށް ހަބަރު ލިބެއެވެ. 2 މީހުން ޒުވާބު ކުރީ ޑްރައިވަރުގެ ގޭ ކުރިމަތީގައި މާ އަޑުގަދަކޮށް، ތަކުރާރުކޮށް ސައިލަކު ދުއްވަމުން ދިއުމުގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޒުވާބަށް ފަހު ޑްރައިވަރަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވާ އިރު، އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ދަނޑިވަޅަކީ ބޭރު ފައިސާ ލިބުން ދަތިވެ، ސްރީލަންކާގެ ހަކަތައިގެ ސަޕްލައި އިންތިހާއަށް ދަށްވެފައި ވާ ދަނޑިވަޅެކެވެ. ޑިމާންޑާ އެއްވަރަށް ހަކަތައިގެ ސަޕްލައި ނެތުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތަށް ބުރޫ އެރި ދުވަސްތަކެއްވެސް އެގައުމު ވަނީ ތަޖުރިބާ ކޮށްފައެވެ. ނަމަވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާ ނުލުމަށް ސަރުކާރުން ނިންމުމާއެކު، ހަކަތައިގެ އުފެއްދުންތަކުގެ ދަތިކަން ކުރިމަތިވެފައި ވަނީ އެއްގަމު އުޅަނދުފަހަރު ދުއްވާ މީހުންނަށެވެ.

ކަން މިހެން އޮތް ނަމަވެސް، ހަކަތައާ ބެހޭ ވަޒީރުގެ ޑްރައިވަރަށް ތޫނު އެއްޗަކުން ހަމަލާ ދީ، މަރާލުމާއި ސްރީލަންކާއަށް ކުރިމަތިވެފައވާ ހަކަތައިގެ ހީނަރުކަމާ ސީދާ ގުޅުމެއް އޮތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ލަންކާގެ ފުލުހުން ދަނީ މި ހާދިސާގެ ތަހުގީގެއް ހިންގަމުންނެވެ.