ކ. ގާފަރުގައި ހިންގަމުން އަންނަ ގެސްޓް ހައުސް އެއްގައި މަރުވެފައި އޮތް ދިވެހި އަންހެނަކު ފެނިއްޖެއެވެ.

އެއީ އއ. ބޮޑުފުޅަދުއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަންހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

'ދަ ޕްރެސް' އަށް މައުލޫމަތު ދެމުން ގާފަރު ހެލްތް ސެންޓަރުން ބުނީ، އެ އަންހެން މީހާގެ ހަށިގަނޑު ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. ސީދާ އެއީ ކޮން ރަށެއްގެ މީހެއްކަން ބުނަން އެމީހުންނަށް ނޭނގުނަސް ބަލާ ބެލުމަށް އެއީ ދިވެއްސެއް ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެއެވެ.

އެއަންހެންމީހާގެ ހަށިގަނޑުގައި ލެއި ހުރި ކަމަށާއި އޭނާގެ ގައިގައި ޒަހަމްތަކެއް ހުރި ކަމަށް ހެލްތް ސެންޓަރުން ބުނެއެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ އިތުރު ތަފްސީލެއް އެ ސެންޓަރުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ބަލައި ތަހުގީގު ކުރަމުން އަންނަ އިރު، އިތުރު ތަފްސީލް ދެމުން ދާނެ ކަމަށް ފުލުހުން ބުނެއެވެ.