ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތު ތަކެއް ހިންގަމުންދާ ކަމަށް ބުނެ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ އެކަން ހާމަ ކުރި ނަމަވެސް، އެއީ ކޮން ކުންފުންޏެއް ކަމެއްވެސް އަދި ސީދާ ޕޮންޒީ ސްކީމެއް ކަމުގައިވެސް ބުނާކަށް ނުކެރުނެވެ. އޭގެ ބަދަލުގައި ބުނެފައި ވަނީ "ޕޮންޒީ ސްކީމަކާ ވައްތަރު މުއާމަލާތެއް ހިންގާ ކަން" ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައި ވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަނީ ކަމަށް ވެސް ބުނެއެވެ.

ދެން ފުލުހުން ކުރީ އާންމުންނަށް އިލްތިމާސް އެކެވެ. ފުލުހުން ބުނީ، ތަފާތު މިއުޗުއަލް ފަންޑްސް އާއި، ސްކީމްތަކުގައި އިންވެސްޓުކުރުމުގައި، މިބާވަތުގެ ކަންކަމާގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށެވެ. އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީ ކޮށްގެން ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށެވެ. އެހެންނޫންނަމަ މިފަދަ ކަންކަމުގެ ސަބަބުން މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގަައިވެސް ބުނެއެވެ.

ފުލުހުން އެއީ ކޮން ކުންފުންޏެއް ކަން ހާމަ ނުކުރި ނަމަވެސް، އެއީ ކުރީގެ މެންބަރު އަލްހާން ފަހުމީ ހިންގާ ކިންގްސް ފޮރެސްކަން ނޭނގޭ މީހަކު ނެތެވެ. އަލްހާން ވަނީ އޭނާގެ ކުންފުނީގެ ފަރާތުންވެސް އެ ފަންޑާ ބެހޭ މައުލޫމާތު ހާމަ ކޮށްފައެވެ.

MMA ގެ ފައިނެންޝަލް އިންޓެލިޖެންސުން ބެލިޔަސް ޕޮލިހުން ބެލިޔަސް، އެއްވެސް ބަވަތުގެ ކުށެއް މިކަމުގައި އަޅުގަނޑުމެން ކޮށްފައެއް ނޯންނާނެ! ރައްޔިތުންނަށް ބިރުދެއްކުމާ ގެއްލުން ދިނުން ހުއްޓާލަންޖެހޭ!
އަލްހާން ފަހުމީ

ފުލުހުން މައްސަލަ ބަލާކަމަށް ބުނެފައި ވުމުން އަލްހާން މިރޭ ވިދާޅުވެފައި ވަނީ، އެއީ ކޮން ކުންފުންޏެއްތޯއާއި ޖިނާއީ އެއްވެސް ކަމެއް ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން ކޮށްފައި ނުވާނެ ކަމަށެވެ. ކިންގްސް ހޯލްޑިންސްގް އަކީ އަލްހާންގެ ކުންފުންޏެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފެށި ވާހަކަ ބުނި އިރު، އިއްޔެ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ މައްސަލަ ބަލައިދޭން ފުލުހުގައި އެދިފައެވެ. ނަމަވެސް އެ ޔުނިޓުންވެސް އަދި އެ ޔުނިޓް ހިނގާ، އެމްއެމްއޭއިންވެސް އެ މައްސަލާގައި ކޮމެންޓު ކުރަން ވަނީ ދެކޮޅު ހަދާފައެވެ.

އާންމު ރައްޔިތުންގެ އެތައް ހާސް ބަޔެއްގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއްގައި، އެއީ ކޮން ކުންފުންޏެއް ކަމާއި، އެ ސްކީމް ހިންގާފައި އޮތް ފުޅާމިން ކަމާބެހޭ އިދާރާތަކުން ހާމަ ކުރަން ފަސް ޖެހޭ އިރު، ކޮންގްސް ފޮރެކްސް އިން ދަނީ ތަފާތު ސްކީމްތައް ތައާރަފުކޮށް ހިންގަމުންނެވެ. އެ ކުންފުނިން މިހާރު ވަނީ ހިޔާ ފްލެޓްތަކަށް ހާއްސަ ސްކީމެއްވެސް ތައާރަފު ކޮށްފައެވެ.