ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ޅައިމަގުގައި ކޮމިއުނިޓީ ބީޗް ސަރަހައްދަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން އެ ބޭންކުން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ. ޅައިމަގުގައި ކޮމިއުނިޓީ ބީޗް ސަރަހައްދެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އެ ކޮމިއުނިޓީ ބީޗް ގައި ވަނީ ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ފަސޭހަ ވާނެހެން ބާބަކިއު ހެދޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ހަޓާއެކު ބެންޗު ބަހައްޓައި އަދި ޕިކްނިކް މޭޒާއި ޖޯލިވެސް ވަނީ އެ ސަރަހައްދުގައި ބަހައްޓާފައެވެ. އެ ސަރަހައްދުގައި ވަނީ އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށް ރޭގަނޑު ވެސް އެ ތަން ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށް ބީއެމްއެލުން ބުނެއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.