ޅ. ކުރެންދޫ ބޭރުން، ކަނޑުން 1،000 ގޯތި ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް، މާލެ ބޭރުގައި ފްލޯޓިން އައިލެންޑްސް އެޅުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ނެދަލޭންޑްސް ޑަޗް ޑޮކްލޭންޑް ކުންފުނިން ބުނެފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރެންދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ކުރެންދޫ އާ ގުޅޭ ގޮތުން ކުޑަކޮށް ވިސްނާލާ މީހަކަށް ވެސް އެރަށުގައި އެންމެ ބޮޑުވެފައި އޮތީ ބޯހިޔާވަހިކަމުގެ މައްސަލަކަން އެނގޭނެ ކަމަށާއި އެރަށުގައި އެއް ކޮޓަރީގައި ތިން އާއިލާ މިހާރު ވެސް ދިރިއުޅެމުން އަންނަ ކަން އެނގިވަޑައިގެންފައި ވާކަމަށެވެ.

"ނަމަވެސް ހާސްނުވާށޭ ތިބޭފުޅުން ތިހާލުގައި ވާކަށް އަޅުގަނޑުމެން ދުލެއް ނުކުރާނަން. މިތިބީ ހައްލު ހޯދައިދޭން. ލިބެން އޮތް މަގު ކޮށުމަށް. މިހާރު އޮތް ވަގުތީ ހައްލަކީ ފްލެޓް. ފްލެޓް އަޅަން ޖެހޭ މިރަށުގައި."
މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ކުރެންދޫ ބޭރުގައި މާކަނޑުގައި ދިރިއުޅެވޭނެތޯ ނެދަލޭންޑްސް ކުންފުނީގައި އެމަނިކުފާނު ސުވާލު ކުރެއްވުމުން، ކުރެންދޫ ބޭރުން ކަނޑުން 1،000 ގޯތި ހެދިދާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށާއި، އެކަމާ ގުޅޭ ދެލި ކޮޕީއެއް އެމީހުން އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށެވެ.

އިތުރަށް ނަޝީދު ވިދާޅުވީ އެ މަޝްރޫއަކީ މާދަމާ ހިންގާނެ މަޝްރޫއެއް ކަމެއް ނުވަތަ ސަރުކާރުން ހިންގަން ގަސްތުކުރާ މަޝްރޫއެއް ކަން ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށާއި އެހެންނަމަވެސް އެއީ ކުރެންދޫ ރައްޔިތުން މިހާރު ދިރިއުޅެމުން ދާ ދަތި އުނދަގޫ ހާލަތަށް ދޫކޮށްލުމުގެ ނިޔަތެއް އެމްޑީޕީގައި ނެތްކަން ހާމަ ކުރެއްވުމަށް ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ.

ނަޝީދު ވިދާޅުވާ ޑަޗް ޑޮކްލޭންޑަކީ، ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ރާއްޖެ އައިސް ކަނޑުމަތީގައި ގެ އަޅަން ހުށަހެޅި ކުންފުންޏެކެވެ. ނަމަވެސް އޭރު އެކަން ނުކުރެވި މިފަހުން ރައީސް ސޯލިހުގެ ސަރުކާރުގައި އެ ކުންފުންޏަށް އަލުން މަޝްރޫއެއް ހަވާލު ކޮށް، މިހާރު ނަމޫނާ 5 ގެ އެއް ހަދަމުން ދާ ކަމަށް ބުނެފައި ވާ ކުންފުންޏެކެވެ.