އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ބިން ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މި ސެމިސްޓަރުން ފެށިގެން، ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލުކޮށްފައެވެ.
ބާ ޖަމާލުއްދީން ހުރި ބިން މިހާރު ބޭނުންކުރަނީ އިލެކްޝަންސް ކޮމިޝަނުން، އެ ކޮމިޝަނުގެ އިންތިހާބާ ބެހޭ މަރުކަޒުގެ ގޮތުގައެވެ.
އެ ކޮމިޝަންގެ އަމީން އާންމު ހަސަން ޒަކަރިއްޔާ "ޕީއެސްއެމް"ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ހަފްތާ ބަންދުގެ ތެރޭގައި އެ އިމާރާތް ހުސްކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށާއި، އެގޮތުން ބާ ޖަމާލުއްދީންގައި ހުރި އެ ކޮމިޝަންގެ ސާމާނުތައް އަރަބިއްޔާ އިމާރާތަށް ވަގުތީގޮތުން ބަދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
ނަމަވެސް އެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން މިވަގުތު މަސައްކަތްކުރާނެ ތަނެއް ނެތް ކަމަށާއި، ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަސަން ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް ގަބޫލުުކުރަން ވަރަށް ގިނަ ދަރިވަރުންގެ މަސްލަހަތާ ގުޅުން އޮތް ކަމެއްގައި ސަރުކާރުން ތަން ހުސްކުރުމުގެ މަސައްކަތް ކުރިއަށް އެ ގެންދަވަނީ. ވަރަށް އަވަހަށް އެތަނުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި. އަޅުގަނޑުމެން މިހާރު މިކުރަނީ އެމަސައްކަތް." އޭނާ ވިދާޅުވިއެވެ.
2013 އިން ފެށިގެން އަރަބިއްޔާ ހިންގަމުން އައީ އަމީނިއްޔާ ސްކޫލް ކުރިމަތީގައި އަޅާފައި ހުރި އިމާރާތުގައެވެ. އެކަމަކު އިމާރާތަށް މާގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރުމާއި އިމާރާތް ހަލާކުވެފައި ހުރުމުގެ ސަބަބުން ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މައްސަލާގައޮ ބެލެނިވެރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާ ވަކިވަކިން ބައްދަލު ކޮށްފައިވެއެވެ.