ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީގަލް ކައުންސިލްގެ މަގާމުގައި ހުންނެވި އަހްމަދު އަބްދުﷲ އަފީފް އެ މަގާމުން ވަކިކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު އެ މަގާމުން ވަކިކޮށް، އެކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްފައި ވަނީ މިއަދު އެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކި ކުރީ ކޮން ސަބަބަކާ ގުޅިގެން ކަން ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ރައީސްގެ ލީގަލް ކައުންސިލް އަކީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ. އެ މަގާމަށް މީހުން އައްޔަން ކޮށް އެ މަގާމުން މީހުން ވަކި ކުރަނީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
އަހުމަދަކީ އަބްދުﷲ ޔާމީން ގެ ވެރިކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލީ ދުވަސްވަރު އެމަނިކުފާނުގެ ގާނޫނީ ޓީމުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އަހްމަދު އެ މަގާމުން ވަކި ކުރެއްވި އިރު، އޭނާ އާ ގުޅިގެން ވަނީ ތަފާތު އަޑުތައް އަރާފައެވެ. އެ ގޮތުން އޭނާ މަސްތުގެ ހާލަތުގައި ހުންނަވާ ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން އޮފީހަށް ހާޒިރުވެވަޑައި ނުގަންނަވާ ކަމަށް ވެސް ވަނީ އަޑުތައް ފެތުރިފައެވެ. އަހުމަދާ ގުޅިގެން މީގެ ކުރިން ވެސް ފެންމަތިވި މިފަދަ ތުހުމަތުތަކާ މެދު ރައީސް އޮފީހުގައި ސުވާލު ކުރުމުން ވެސް އެކަމަށް ޖަވާބެއް ދީފައެއް ނުވެއެވެ.