މޭ 6، 2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުން އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން އެކަން ޖޯކަކަށް ހައްދަވައިގެން ހީސަމާސާ ކޮށް ހެއްދެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެއް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅުކު ހޮވަން ބާއްވާ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީގެ މެނިފެސްޓޯ ނެރުމަށް ރޭ ގދ.ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވައްޑެ ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާދިން ރޭ މަޖިލީހުގައި އޮތް ކުއްލި ޖަލްސާއަށް ވަޑައިގެންނެވިއިރު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންގެ ކިބައިން ވެސް ފެނުނީ ހިތާމައާއި މާޔޫސްކަން ކަމަށެވެ. އަދި ހުރިހާ މެންބަރުން ވެސް އެ ވަގުތު ދައްކަވަމުން ގެންދެވީ ނަޝީދުގެ ފުރާނަފުޅު ސަލާމަތް ނުވެދާނެތީ އެކަމުގެ ކަންބޮޑުވުމުގެ ވާހަކަކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

ނަމަވެސް އެ ނޫން މަންޒަރެއް މަޖިލީހުގެ ކާކޮޓަރި ތެރެއިން ފެނިވަޑައިގަތް ކަމަށާއި އެއީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައެއް މެންބަރުން ޖޯކަކަށް ހައްދަވާ ހީސަމާސާ ކުރެއްވުން ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

މަޖިލީހުގެ ކާކޮޓަރި ތެރޭގައި، ހީސަމާސާ ކުރާ ވަރުން، ކެތްނުވެގެން އަޅުގަނޑު ނުކުތިން އެތަނުން، އެ ހީސަމާސާ ކުރި މީހުން މިއަދު މި ޕާޓީ އެއްބައި ކުރާ ވާހަކަ އެދައްކަނީ، ތި ބޭފުޅުން އޭގައި ޖެހިވަޑައިނުގަންނަވާތި
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)

ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވި ކަމަށާއި އަވަސް ފަރުވާ ނުދެވުނު ނަމަ ނަޝީދުގެ ފުރާނަފުޅު ސަލާމަތް ނުކުރެވުނީސް ކަމަށް އެންމެ ފުރަތަމަ ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ކުރެއްވުމަށް ފަހު، ޖަރުމަނުވިލާތާއި އިނގިރޭސިލާތަށް ވަޑައިގެން ވެސް ނަޝީދު ވަނީ ފަރުވާ ހޯއްދަވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މި ދެބޭފުޅުން ވާދަ ކުރެއްވުމާއެކު އެމްޑީޕީގެ މެންބަރުން މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.

މިމަހު 8 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެމްޑީޕީގެ 115 މެންބަރުން ބައިވެރިވެފައިވާ އިރު އޭގެތެރެއިން 100 މެންބަރުންގެ ވޯޓާއެކު އެ އިންތިހާބު ބާއްވާ ތާރީހް ވަނީ މެއި މަހުގެ 14 ވަނަ ދުވަހަށް ފަސް ކޮށްފައެވެ.