ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޭނުން ވަނީ "ހިމަތޮޅި" ސަރުކާރެއް ކަމަށާއި ގައުމުގެ ރައީސް ކަން ލިބިވަޑައިގެންފި ނަމަ މަޖިލިސް މެންބަރުންގެ އަދަދު 85 އިން 50 އަށް ތިރި ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައި ވަނީ އަންނަ ރިޔާސީ އިންތިހާބަށް ކުރައްވަމުން ދިޔަ ކެމްޕެއިން މެދުކަނޑާލިތާ 90 ދުވަހަށް ފަހު އެ ކެމްޕެއިން އަނެއްކާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި އޭނައަށް ވެރިކަން ލިބިވަޑަައިގެންފި ނަމަ ރާއްޖެއަށް ގެންނަން ވިސްނަވާފައިވާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖެ ފަދަ ގައުމަކަށް މަޖިލީހުގައި 85 މެންބަރުން ގިނަ ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި އެ އަދަދު 50 އަށް މަދު ކުރައްވާނެ ކަމަށެވެ. އަދި މަޖިލީސް މެންބަރުންނަކީ ވެސް މަގާމުން ވަކި ކުރެވޭ ބަޔަކަށް ހައްދަވާނެ ކަމަށާއި ރާއްޖެއަށް ރިކޯލް ވޯޓް ތައާރަފު ކުރުމަށް ކުރަން ޖެހޭ މަަަސައްކަތް ކުރައްވާ، އެ ވޯޓް ނެގޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މަޖިލީހުގެ ހުރި ބައެއް ކަންކަމަށް ގެންނަވާނެ ބަދަލުތަކުގެ ތެރެއިން މަޖިލީސް މެންބަރުންގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް މިހާރު އޮތް ވިޕް ނެރުމުގެ އުސޫލު އުވާލައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މަޖިލީސް މެންބަރަކަށް ހުންނަވައިގެން ދައުލަތުގެ އެއްވެސް މުދަލެއް ނުނެގޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށާއި މަޖިލީހަށް މިހާރު ވަޑައިގަންނަވާ ވަރަށް ގިނަ މެންބަރުން އެ މަގާމަށް ވަޑައިގަންނަވަނީ ރިސޯޓް ހަދަން ރަށްތައް ހޯދުމަށް ކަމަށް އުމަރު ފާހަގަ ކުރެއްވިއެވެ.

މިހާރު ސަރުކާރު އޮތް ގޮތަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވީ، މިހާރު ސަރުކާރު އޮތީ "މަތި ބަރުވެފައި ހުރި ބޮޑު ބަބުކެޔޮ ގަހެއް" ފަދައިން ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ސިޔާސީ މަގާމުތައް އުފައްދާ މަހެއްގެ މައްޗަށް މިހާރުވެސް 30 މިލިއަން ރުފިޔާ ހޭދަ ކުރަމުން އަންނަ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއަށް ބޭނުންވަނީ "ހިމަތޮޅި" ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވަކިން ހުރި ބައެއް މުއައްސަސާތައް އެއްކުރައްވާނެ ކަމަށް ވިދާޅުވެ ކަސްޓަމްސް އާއި އިމިގްރޭޝަން އެއްކޮށްލައްވާނެ ކަމަށް މިސާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އުމަރު ކުރައްވަމުން ގެންދެވި ކެމްޕެއިން މަޑުޖައްސާލެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު، އޭސީސީން ތުހުމަތު ކުރި މައްސަލައެއް ޕީޖީއަށް ފޮނުވުމުންނެވެ. މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ މަގާމުގައި ހުންނެވި އިރު 2015 ވަނަ އަހަރު، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މަސައްކަތް ކުރައްވާފައި ވާ ކަމަށް ބުނެ އޭސީސީން ފޮނުވި މައްސަލައިގައި ދައުލަތަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން 90 ދުވަހަށް ރިޔާސީ ކެމްޕެއިން މެދުކަނޑާލައި، ކުށް ސާބިތުކުރުމަށް 3 މަސް ދުވަސް ދައުލަތަށް އޭނާ ދެއްވިއެވެ. ނަމަވެސް ދައުވާ ނުކުރުމުން އަނެއްކާ އުމަރު މި ވަނީ ކެމްޕެއިން ފައްޓަވާފައެވެ.