ގއ. ކޮނޑޭގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، އޭނާ ސަސްޕެންޑް ކުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއްގައި މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށް ފަހު، އެމައްސަލާގައި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި އޭނާ ސޮއިކޮށްފައި ވާތީ ކަމަށެވެ.

އެ އަމުރުތަކުގައި މުހައްމަދު އިބްރާހިމް ސޮއިކޮށްފައި ވަނީ އެ މައްސަލައާ ހަވާލުވެ ހުރި މެޖިސްޓްރޭޓް އެދިފައި ނުވާނީސް ކަމަށް ޖޭއެސްސީން ބުނެއެވެ. އެ ގަޒިއްޔާއާ ގުޅިގެން ދައުވާ ލިބޭ ފަރާތާ މުއާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައި ވަނީ މުހައްމަދު އިބްރާހީމް ކަމަށް ވާތީ، އޭނާގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި އަމަލީގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

މި އަމަލުތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގާއި ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ވާތީ މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މާދަމާއިން ފެށިގެން، 1 މަސް ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.