ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުން ގިނަ ވޯޓު ލިބޭ މީހާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވޭ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރުން" މި ނަމުގައި ނަޝީދު މިއަދު އާންމު ކުރެއްވި ލިޔުމެއްގައި އެމަނިކުފާނު ވިދާޅުވީ އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ތިން ފަހަރަށް ރިޔާސީ އިންތިހާބު ބޭއްވިފައި ވާއިރު އާންމު ހަމައެއްގެ ގޮތުގައި ފެނުނީ ދެވަނައަށް އެންމެ ގިނަ ވޯޓް ހޯދާ ޕާޓީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާ ތަން ކަމަށެވެ.
2008 ވަނަ އަހަރު އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ރައީސް މައުމޫނަށް ކަމަށާ ނަމަވެސް ދެވަނަ ބުރުގައި އެހެން ހުރިހާ ޕާޓީތައް އެމަނިކުފާނާ ދެކޮޅަށް ނިކުމެ މައުމޫން ބަލި ކުރި ކަމަށެވެ. އަދި އޭގެ ފަހުން 2013 ގައިވެސް އަސާސީ އުސޫލު ދިޔައީ އެއް ހަމައެއްގައި ކަމަށާއި އެންމެ ގިނަ ވޯޓް ލިބިވަޑައި ގަތީ އެމަނިކުފާނު (ނަޝީދު) އަށް ކަމަށާއި ނަމަވެސް ރައީސް ކަމަށް ހުވާ ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެފަދަ ބޭއިންސާފުގައި ވެރިކަމުގެ ކަންކަން ގެންދަނީ ނަމަ އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
ނަޝީދުގެ އެ ލިޔުމުގައި ވަނީ ރައްޔިތުން މަޖިލީސް އެކުލަވާލައިފައި ވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ ކަންކަން ހިނގަމުން ދަނީ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމެއްގެ ތެރެއިން ކަމަށާއި ގިނަ ގައުމުތަކުގައި ޕާޓީތަކަށް ލިބޭ ގޮޑިތަކުގެ އަދަދުން އެ ޕާޓީއަކަށް އިތުރު ގޮނޑި ލިބޭ އުސޫލެއް އޮންނަ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެއީ ނެޝަނަލް ލިސްޓްގައި މަޖިލީސް އިން ޖާގަ ލިބޭ މެންބަރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެތައް ގައުމެއްގެ މަޖިލިސްތައް އެކުލެވިގެން ވަނީ ގައުމީ ލިސްޓެެއްގެ މެންބަރުން ހިމެނޭ ގޮތަށް ކަމަށާއި އެފަދަ މެންބަރުން އިންތިހާބު ކުރުމުގައި އެކި ގޮތްގޮތް ބޭނުން ކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ގިނަ ގައުމުތަކުގައި ގެންގުޅޭ އެއް ހަމައަކީ މެންބަރުން ހަމަވެގެން ރަޖިސްޓްރީ ވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮޑިއެއް ދީ އަދި ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާ ގޮނޑީގެ އަދަދަށް ބަލާ އެ ޕާޓީއަކުން މެންބަރުން ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މެންބަރުން ވަކާލާތު ކުރާނީ އެ ބޭފުޅުން އިންތިހާބުވެފައިވާ ސިޔާސީ ޕާޓީތަކުގެ އުސޫލުތަކާއި ފަލްސާތަކުގެ ދިފާއުގައި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ނަޝީދު ވިދާޅުވީ ވަކިވަކި ދާއިރާތަކަށް ވަކާލާތު ކުރައްވާ މެންބަރުން އެކަނި އެކުލެވޭ މަޖިލީހެއްގައި ކޮންމެ މެންބަރަކުވެސް ބާރު އަޅުއްވާނީ އެ މެންބަރެއްގެ ދާއިރާއަށް ރަނގަޅު ގޮތް ހޯދުމަށް ކަމަށެވެ.
ނަޝީދު އިތުރަށް ވަނީ މަޖިލީހުގައި އަންހެނުން ތިބުންވެސް އިންތިހާ ބޭނުންތެރި ކަމަށާއި ގައުމީ ލިސްޓްގެ އަދަދެއް ނުވަތަ ވަކި އެހެން އަދަދަކީ އަންހެނުން ކަމުގައި ކަނޑައެޅުމަކީ ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހުގައި ގެނެވިދާނެ ބަދަލެއް ކަމަށާއި މަޖިލީސް އެކުލެވިގެންވާ ގޮތް ބަދަލުވާން ޖެހޭ ކަމަށް މިއަދު ދެކުން މަޖުބޫރު ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ދިވެހިރާއްޖޭގެ ރަށްވެހިކަމުން ކެނޑުން މާމުހިންމު