ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައިނަމަވެސް ކޯޓުތަކުގައި އޮންލައިންކޮށް ޝަރީއަތްތައް ބޭއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިކަން އިއުލާނުކުރުމާ ގުޅިގެން ރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން "އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ހާއްސަ އިރުޝާދު"އަށް އަމަލުކުރުން މާރިޗު 13، 2022 ގައި ވަނީ ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

އެ ކޯޓުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކޯޓުން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތަކާއި ޝަރީއާތުގެ މަޖިލީސްތައް ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން ގިނަ ފަސޭހަތަކެއްވެފައިވާ ކަމަށެވެ. އެގޮތުން އަވަސްކަމާއި ފަސޭހަކަމާއެކު ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން އަދުލު އިންސާފަށް ވާސިލުވުމުގެ މަގު ފަހިވެ ހަލުވިކަމާއެކު ޝަރީޢަތްތައް ހިންގައި މައްސަލަތައް ނިންމުމަށް މަގުފަހިވެފައިވާ ކަން ސުޕްރީމް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

އެ ކޯޓުން އިތުރަށް ބުނީ އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތެއްގެ މަތިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާއި އަޑުއެހުންތަކާގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.