އދގެ ސެކްރެޓަރީ ޖެނެރަލްކަން މިހާތަނަށް އެއްވެސް އަންހެނަކު ނުކުރާ ކަމަށާއި، އެހެންކަމުން ދެން އަންނަ ދައުރަކަށް އެމަގާމަށް އަންހެނަކު ހޮވުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު މިކަމަށް ގޮވާލެއްވީ އދގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ އދގެ 76 އަހަރުވީ ތާރީހުގައި އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވީ 4 އަންހެނުން ކަމަށާއި، ސެކްރެޓަރީ ޖެނެރަލްކަން އެއްވެސް އަންހެނަކު ކޮށްފައި ނުވާ ކަމަށެވެ.
އަދި މިކަމަކީ ބަދަލުކުރަން ޖެހޭކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ "ގޯލްޑް ސްޓޭންޑާޑް" ކަނޑައެޅުމުގެ ވާހަކަ އދ އިން ދައްކާއިރު، އެކަމުގެ މިސާލު އދ ގައި ނުދައްކާ ނުތިބެވޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މިކަމުގައި އިސް ނަންގަވައި، ދެން އަންނަ ދައުރަކަށް އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު ހޮވުމަށް ބާރު އަޅުއްވާނެ ކަމަށެވެ. އަދި އެކަމުގައި އދގެ މެންބަރު ގައުމުތަކުން ބައިވެރިވުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.
ޝާހިދުގެ މި ގޮވާލެއްވުމަށް މެންބަރުން ގައުމުތަކުން ވަނީ ހޫނު ތަރުހީބެއް ދީފައެވެ.