ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް ކުއްޔަށް ދިނުން ސަރުކާރުން ހުއްޓުވަން މަސައްކަތް ކުރާ ކަމަށް ބުނެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ވިލިމާލެއިން ބިން ކުއްޔަށް ދިނުމަށް އިއުލާން ކުރުމުން ޕްލޭނިން މިނިސްޓްރީން މާލެ ސިޓީ ކުށްވެރިކޮށް ވިލިމާލެ ބްރިޖް އެޅުމަށް ހުރަސް އަޅަން އުޅޭ ކަމަށް ތުހުމަތު ކުރުމުންނެވެ. އެ ކައުންސިލުން ބުނީ، ޕްލޭނިން މިނިސްޓްރީ އަށް ލޭންޑް ޔޫސް ޕްލޭން ފޮނުވަން އަންގާފައިވާ ތާރީހު ކަމަށްވާ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު، އެ ޕްލޭން ތައްޔާރު ކޮށް ފޮނުވާފައިވާ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީން މިކަން ހުއްޓުވުމަށް ސިޓީ ފޮނުވާފައި މި ވަނީ އެ ބިންތައް ކުއްޔަށް ދިނުމަށް އިއުލާން ކުރި ފަހުން ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
އެގޮތުން ކައުންސިލުން އެ އިއުލާން ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ބިން ކުއްޔަށް ދިނުން ހުއްޓުވުމަށް އެދި ޕްލޭނިން މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވާފައި ވަނީ އިއްޔެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
މިކަމާ ގުޅިގެން ޕްލޭނިން މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ތުހުމަތު ތަކެއް ކުރައްވާފައެވެ. އެ ގޮތުން އަކްރަމް ވިދާޅުވެފައި ވަނީ މުއިއްޒު ކަންކަން ކުރައްވަނީ ސަރުކާރަށް ޖެއްސުމަށް ކަމަށާއި ބިން ކުއްޔަށް ދިނުމަށް އިއުލާން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ފަދައިން އިއުލާން ކުރެވޭނީ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް މިނިސްޓްރީ އަށް ހުށަހަޅައި އެ ހުށަހެޅުން ފާސްވުމުން ކަމަށް އަކްރަމް ވިދާޅުވެއެވެ. އެހެންކަމުން މި ކަމަކީ ސީދާ ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް ހުރަސް އެޅުމަށް ކުރެއްވި ކަމެއްގެ ގޮތުގައި އަކްރަމް ތުހުމަތު ކުރެއްވިއެވެ.
ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް ކުއްޔަށް ދޭން ސިޓީ ކައުންސިލުން ނިންމީ މިދިޔަ މަހުގެ 17 ގައި ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައެވެ. ކައުންސިލުން އެ ނިންމުން ފާސް ކުރީ އެ ސްލޮޓްތަކުގެ ދެބައިކުޅަ އެއްބައި ވިލިމާލޭގެ މީހުންނަށް ލިބޭ ގޮތަށް ދިނުމަށެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި، އެ ސަރަހައްދުން މިހާރު ވެސް ކުއްޔަށް ހިފާފައިވާ ސްލޮޓްތަކަށް ދައްކަން ޖެހޭ ފައިސާ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ކުރިން ދައްކަން އަންގާފައިވާ އިރު، އެ މުއްދަތު ހަމަވި އިރު ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ އެއްބަސްވުން ބާތިލް ކުރަން ވެސް ވަނީ ނިންމާފައެވެ. އެ އެއްބަސްވުން ބާތިލުކޮށް، ބިން ވަކިކޮށް ނުލިބިވާ ފައިސާ ހޯދުމަށް ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރަން ވެސް ނިންމިއެވެ.